Last Updated: March 29, 02:52
Thursday, March 28, 2024
ކުޅިވަރު

ބޭރުމަތި ބަލިކޮށް މެދުވަލު އެފްސީ ފައިނަލަށް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ފައިނަލަށް މެދުވަލު އެފްސީ ދަތުރުކޮށްފިއެވެ.

މެދުވަލު އެފްސީ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އެންމެފަހުގެ ޗެމްޕިއަން އެފްސީ ބޭރުމަތި އާއި ބައްދަލުކޮށް ޕެނަލްޓީގައިި 5-4 އިން ކުރި ހޯދައިގެންނެވެ.

މުބާރާތުގެ ފައިނަލްގައި މެދުވަލު އެފްސީ ބައްދަލުކުރާނީ، ސެމީގެ ދެވަނަ މެޗުގައި ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދު ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 47 ވަނަ މިނެޓްގައި ރެފްރީ ވަނީ ބޭރުމަތި ޓީމުގެ މުހައްމަދު ސާޖިދަށް ރަތްކާޑު ދައްކާފައެވެ. މެޗުގެ ބާކީބައި 10 ކުޅުންތެރިންނާ އެކު ބޭރުމަތި ޓީމުން ފުރިހަމަ ކުރަން ޖެހުނުއިރު މެޗުގެ 53 ވަނަ މިނެޓްގައި އިބްރާހިމް ސިރާޖު ވަނީ މެދުވަލު އެފްސީ ޓީމަށް ލީޑު ނަގާދީފައެވެ.

މި ގޯލާއެކު ބޭރުމަތި ޓީމުން އެޓީމުގެ އިތުބާރު ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) ކުޅެން އެރުވިއިރު، މެޗުގެ 64 ވަނަ މިނެޓްގައި ނައްޓޭ ވަނީ ބޭރުމަތި ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ބޭރުމަތި ޓީމު މެޗުން މޮޅުކޮށްދޭން ނައްޓޭ އަށް ރަނުގެ ދެ ފުރުސަތު ލިބި ބޭކާރުވެފައިވެއެވެ.

90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. އެގޮތުން ޕެނަލްޓީގައި މެދުވަލު އެފްސީން ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއިރު، ބޭރުމަތި ޓީމަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ ނައްޓޭ އަށް އެކަންޏެވެ. އެގޮތުން ނައްޓޭ ފޮނުވާލި ޕެނަލްޓީ މެދުވަލު އެފްސީގެ ކީޕަރު މުހައްމަދު ޒަޔާން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ މެދުވަލު އެފްސީގެ ކީޕަރު ޒަޔާން އެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.