Last Updated: March 28, 16:38
Thursday, March 28, 2024
ތާރީޚް

"ޒިޔާރަތަށް ގެއްލުން ދިނީ ބޮއެގެން ހުރި މީހެއް"

ކޯގަންނު ގަބުރުސްތާނުގެ މެދު ޒިޔާރަަތަށް ގެއްލުން ދީފައި. ފޮޓޯ/ ވީއޯއެމް

ސ. މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނުގައި ހުރި ތާރީހީ މެދު ޒިޔާރަތަށް ގެއްލުންތަކެއް ދިނީ މަސްތުވެގެން ހުރި މީހެއް ކަމަށް ހުޅުމީދޫ އަވަށު ބޯޑްގެ ރައީސް އިބްރާހީމްދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މެދު ޒިޔާތަރުގެ ފުރާޅުގެ އީޓް ތަޅާލައި، އެތެރޭގައި ހުރި ދުވަސްވީ މަހާނަ ގާތައް ތަޅާލީ މަސްތުވެގެން ހުރި ޒުވާނަކު މިދިޔަ ހަފުތާގެ ހޯމަ ހިސާބުގައި ކަމަށެވެ.

އަދި އެ ޒުވާނާ މިހާރު ރަށުން ފުރައިގެން ގޮސްފައިވާ ކަމަށް ވެސް އިބްރާހީމްދީދީ ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ ރާާއްޖޭގެ އެންމެ ދުވަސްވީ އަދި ތާރީހީ ގޮތުން ވެސް ފާހަގަކޮށްލެވޭ ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ދުވަހެއްގެ ތެރޭގައި އީޓް ހޯދުމަށް ފަހު، ޒިޔާރަތުގެ ފުރާޅު މަރާމާތު ކުރާނެ ކަމަަށެވެ. އަދި ގަންނަން އީޓް ލިބުން ދަތި ނަމަ، އޭނާގެ އަމިއްލަ އަތުގައި ހުރި އީޓްކޮޅުން ވެސް އެތަން މަރާމާތު ކުރައްވާނެ ކަމަށް ދީދީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޯގަންނު ގަބުރުސްތާނަކީ އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަހައްޓާ ތަނެއް ކަމަށެވެ.

ނަމަވެސް ބަޖެޓްގެ ދަތިކަން ހުންނާތީ އެކަށީގެންވާ ގޮތަކަށް އެތަން މަރާމާތުކޮށް ނުބެލެހެއްޓޭކަން ދީދީ ފާހަގަ ކުރެއްވި އެވެ.