Last Updated: July 6, 22:22
Sunday, July 6, 2025
ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ މެޗުތައް ފަސްކޮށްފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ މެޗުތައް ފަސްކޮށްފިއެވެ.

މި މުބާރާތުގެ މެޗުތައް ފަސްކޮށްފައިވަނީ އައްޑޫ އިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، އެޗްޕީއޭ އިން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެންނެވެ. މޮނީޓަރިންގެ ހާލަތަށް ގެނައުމުން އެ ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާ ކަމެކެވެ.

މި މުބާރާތުގައި ސެމީފައިނަލްގެ ފުރަތަމަ މެޗު އިއްޔެ ވަނީ ކުޅެފައެވެ. އެގޮތުން ޕެނަލްޓީގައި އެންމެފަހުގެ ޗެމްޕިއަން އެފްސީ ބޭރުމަތި 5-4 އިން ބަލިކޮށް މުބާރާތުގެ ފައިނަލަށް މެދުވަލު އެފްސީ ވަނީ ދަތުރުކޮށްފައެވެ.

މި މުބާރާތުގެ ދެވަނަ ސެމީގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް އެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.