އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު އެވަޓަން އިން މެންޗެސްޓަރ ޔުނައިޓެޑާ 3-3 އިން އެއްވަރުކޮށްފިއެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ 45 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި ޔުނައިޓެޑަށް ވުރެ ދެ މެޗު މަދުން ކުޅެ 47 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީ އެވެ. ސިޓީން މިރޭ ލީގުގެ ހަތަރުވަނައިގައި އޮތް ލިވަޕޫލްއާ ދެކޮޅަށް ނިކުންނާނެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 24 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބްރޫނޯ ފަނާންޑޭސް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބްރޫނޯ މި ގޯލު ކާމިޔާބުކުރީ އެވަޓަންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުނައިޓެޑް ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޑޮކޫރޭ ވަނީ އެވަޓަން އަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 52 ވަނަ މިނެޓްގައި ޖޭމްސް ރޮޑްރިގޭޒް ވަނީ އެވަޓަން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ 70 ވަނަ މިނެޓްގައި ސްކޮޓް މެކްޓޮމިނޭ ޔުނައިޓެޑަށް އަނެއްކާވެސް ލީޑު ނަގައިދިންއިރު، އެވަޓަން އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭގައެވެ. އެގޮތުން މި ގޯލު އެވަޓަން އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ކަލްވާޓް ލެވިން އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެސްޓަންވިލާ އިން ވަނީ 1-0 އިން އާސެނަލްގެ މައްޗަށް ކުރި ހޯދާފައެވެ. މި މޮޅާއެކު އެސްޓަންވިލާ ލީގުގެ 8 ވަނަ އަށް އެރިއިރު އާސެނަލް އޮތީ ލީގުގެ 10 ވަނައިގައެވެ.