Last Updated: April 23, 17:09
Tuesday, April 23, 2024
ޚަބަރު ރައީސް ނަޝީދު

7 ފެބްރުއަރީގެ ހަނދާންތައް އާކުރެއްވީ ޅެން ބައިތަކުން

ފެބަރުއަރީ 7, 2012 ވަނަ ދުވަހުގެ ހެނދުނު ރައީސް ނަޝީދު ސިފައިންގެއަށް ވަޑައިގެން ސިފައިންނާ ބައްދަލުކުރެއްވުން--

ވެރިކަން ބަދަލުވުމަށް މެދުވެރިވި 7 ފެބްރުއަރީ 2012 ގެ ހަނދާންތައް، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޅެން ބައިތަކުން އާ ކުރައްވައިފިއެވެ.

"ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ
އަދާ ހަމަ އަށް މި ހާލަތް ގެނައުމީ، ކުޑަކުޑަ ކުށެއް ނޫނޭ

ޒަމާންތަކަކަށް ވި ޤުރުބާނީ، ފަނާވެވި ޖިސްމު އިންސާނީ
އަމާންކަން ނެއްޓި އުދުވާނީ، މައާފް ކުރާ ވަރެއް ނޫނޭ" ފެބްރުއަރީ 7، 2012 ގެ ހަނދާންތައް އާކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔަ މުޒާހަރާތަކަށްފަހު ފެބްރުއަރީ 7 ވަނަ ދުވަހު، ފުލުހުން ޖުމްހޫރީ މައްދާނަށް އެއްވެ އިހުތިޖާޖް ކުރަންފެށިއެވެ. އަދި އޭގެ ފަހުން ސިފައިންގެ ތެރެއިން ބަޔަކު އެ ފުލުހުންނާއި ގުޅި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަންފެށިއެވެ. އަދި އެއްވެ ތިބި ފުލުހުންނާއި ސިފައިން އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާކަން އެނގި، ރައީސް ނަޝީދު އަމިއްލަފުޅަށް މަޤާމުން އިސްތިއުފާދެއްވީއެވެ.

7 ފެބްރުއަރީ 2012 އަށް މިއަހަރު ނުވަ އަހަރު ފުރޭއިރު އެމްޑީޕީއަށް އަދި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އެދުވަހު ހިނގާދިޔައީ ބަޣާވާތެކެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ.