Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ލިވަޕޫލް ބަލިކޮށް ސިޓީން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 4-1 އިން ލިވަޕޫލް ބަލިކުރުމަށްފަހު ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 50 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 45 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ތިންވަނައިގައި 43 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީއެވެ. ލިވަޕޫލް އޮތީ 40 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ސިޓީ އަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އިލްކާއި ގުންޑޮގާން ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށެވެ.

ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 49 ވަނަ މިނެޓްގައި ގުންޑޮގާން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. މެޗުގެ 63 ވަނަ މިނެޓްގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާހު އެޓީމަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް މެޗުގެ 73 ވަނަ މިނެޓްގައި ގުންޑޮގާން ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އަދި އޭގެ ތިން މިނެޓްފަހުން ރަހީމް ސްޓާލިން ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ.

ރޭގެ މެޗަކީ 2003 ވަނަ އަހަރަށްފަހު ލިވަޕޫލްގެ ދަނޑުގައި ކުޅެ އެޓީމުގެ މައްޗަށް ސިޓީން ކުރި ހޯދި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މި މެޗަކީ މިއީ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗުކަން ވެސް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރި ހޯދައި ޗެލްސީން ވަނީ ލީގުގެ ފަސްވަނަ އަށް އަރާފައެވެ. މި މެޗުގައި ޗެލްސީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މޭސަން މައުންޓް އާއި ޕެނަލްޓީ އަކުން ޖޯޖީނިއޯ އެވެ.