Last Updated: April 16, 09:06
Tuesday, April 16, 2024
ޚަބަރު

ވިލިނގިލި ކޮވިޑް ފެސިލިޓީން މީހަކު މަރުވެއްޖެ

ގއ. ވިލިނގިލީ ގައި ހިންގަމުން އަންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު މަރުވެއްޖެއެވެ.

މާލެއިން ބޭރުން ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެފައިވަނީ ގއ. ދެއްވަދޫ އިން ކޮވިޑް ފެތުރި، ވިލިނގިލި ފެސިލިޓީއަށް ގެނައި މީހެކެވެ. އެ ފެސިލިޓީން މައުލޫމާތު ދެމުން ބުނެފައިވަނީ މަރުވެފައިވަނީ، ގއ. ދެއްވަދޫ، އުތުރުގެ، ތުއްތު އިބްރާހިމް ކަމަށެވެ.

ފެސިލިޓީގެ މެނޭޖަރު ޝަރީފް އަހުމަދާ ހަވާލާދީ "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތުއްތު އަކީ ސްޓްރޯކެއް ޖެހި ގިނަ ދުވަސް ވަންދެން އެނދުމަތި ކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި ތުއްތު އެ ފެސިލިޓީ އަށް ގެނައި އިރުވެސް ފުއްޕާމެއަށް އަސަރުކޮށްފައިވުމުގެ ސަބަބުން ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ތުއްތު މަރުވެފައިވަނީ އުމުރުން 77 އަހަރުގައެވެ.