Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ކައުންސިލްގެ ހަރު މުދާ ނެތްކަމަށް ބުނާ މައްސަލަ ތަހްގީގު ކުރަންޖެހޭ: ޝުކުރީ

އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ ހަރު މުދަލުގެ ތެރެއިން 5.5 މިލިއަން ރުފިޔާގެ މުދާ ފެންނަން ނެތްކަމަށް އޮޑިޓު ރިޕޯޓުގައި ފާަގަ ކުރުމަކުން ނުނިމޭ ކަމަށާއި އެމައްސަލަ ތަހްގީގު ކުރުމަށް ހުޅުދޫ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ގޮވާލައިފިއެވެ.

އައްޑޫ ކައުންސިލްގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ކައުންސިލްގެ ހަރު މުދަލުގެ ގޮތުގައި ފެންނަން އޮތީ 42،855،560 (ސާޅީސް ދެ މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ) ގެ މުދަލެވެ.

ނަމަވެސް ކައުންސިލްގެ މާލީ ރިޕޯޓުގައި ކައުންސިލްގެ ހަރު މުދަލުގެ އަގު ކަމަށް ހިމަނާފައިވާ 48،358،742 (ސާޅީ އަށް މިލިއަން ތިން ލައްކަ ފަންސާސް އަށް ހާސް ހަތް ސަތޭކަ ސާޅީސް ދެ ރުފިޔާ) އަކީ ސައްހަ އަދަދެއް ނޫންކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން އައްޑޫ ކައުންސިލްގެ ހަރު މުދަލުގެ ތެރެއިން 5،503،182 ( ފަސް މިލިއަން ފަސްލައްކަ ތިން ހާސް އެއް ސަތޭކަ އަށްޑިހަ ދެ ރުފިޔާގެ) މުދާ ވަނީ މަދުކޮށެވެ.

ޝުކުރީ މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އައްޑޫ ކައުންސިލް އޮޑިޓު ކުރުމަކީ އޭނާ ވަރަށް ބޮޑަށް ތާއިދު ކުރައްވާ ކަމެއް ކަމަށެވެ. އަދި ކައުންސިލް ހިންގަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް އެތައް ފަހަރަކު ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ބެލެވިފައިނުވާކަމަށް ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ އޮޑިޓު ރިޕޯޓުގައި 5.5 މިލިއަން ރުފިޔާގެ ހަރު މުދާ ގެއްލުނު ގޮތެއް ތަހްގީގުކޮށް ނުބައްލަވާ ހަމައެކަނި ގެއްލިއްޖެކަމަށް ނުވަތަ އުނިވެއްޖެކަމަށް ބުނެ ހާމަ ކުރުމަކީ ޒިއްމާދާރުކަން ކުޑަކަމެއް ކަމަށެވެ.

"ތަހްގީގުކޮށް ބަލައު، އޮޑިޓު ރިޕޯޓެ ހަމައެކަނި އެހެން ޖަހަގެން ނިފުދޭހެއް، ތަހްގީގު ކެރައު، ބަލަ ކައުންސިލް އިދާރާގެ ހަރޮ މުދައު ތިބެނީ ހުސް އެކަނި އައްޑޫ ކައުންސިލް އިދާރާކި ނުން، ރަށް ރަށި ރަށި އޮފީހެއަސް ތިބޭހެއް، ތެބެ ބެލިއާ، އަދި ހަމަ ރިޕޯޓަކި ޖަހަގެން ތެހެން ކެރުމަކީ ޒިއްމާދާރު ކަމަށް ނުނާއު މި ބެނީ" ޝުކުރީ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ ކައުންސިލްގައި ތިބި އިހްލާސްތެރި މީހުންގެ ހައްގުގައިވެސް މިކަން ބަލައި ތަހްގީގު ކުރަން ޖެހޭކަމަށެވެ.

"މައްސަލަ އޮޑިޓު އޮފީހުން ޕީޖީއަށް ފެޑުވޭހެއް ތަހްގީގު ކެރާ، ލޯކަލް ގަވަމެންޓު އޮތޯރިޓީ އަށަސް ބެލޭހެއް، އޭ ކެންކެރާ ތާން، އެތަނަށް އަވަ ކިތައް މައްސަލަ ހުށަހަޅަލިން، ތެބެބެލިއާ، އަދޮ ހަމައެކަނި އެހެން ރިޕޯޓަކި ޖަހަގެން ނިފުދޭހެއް"

އައްޑޫ ސިޓީ ކައުންސިލްގެ 2018 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.03 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުގެ އައިޓަމްތަކުން ޚަރަދުކޮށްގެން ހޯދާ އެންމެހާ ތަކެއްޗާއި މަސައްކަތްތަކާއި، ބޭނުން ކުރުމަށް ލަފާ ކުރާ މުއްދަތު އެއް އަހަރަށްވުރެ ގިނަވާނަމަ އެތަކެތި ދައުލަތުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނަން ޖެހެއެވެ.

އެގޮތުން މުދަލުގެ ފުރިހަމަ ނަމާއި، ތަފްސީލް، ބްރޭންޑު ނަން، އަދި ސީރިއަލް ނަންބަރު ހިމެނޭގޮތަށް މުދާ ހުރިތަނާއި، ގެނައި ތާރީހު އަދި މުދަލުގެ އަގު ހިނެނޭހެން ރަޖިސްޓްރީ ކުރަންޖެހެއެވެ.

ނަމަވެސް އޮޑިޓު ކުރުމަށް ނެގި ބައެއް ހަރު މުދަލުގެ އައިޑެންޓިފިކޭޝަން ނަންބަރު ނެތުމާއި، ސީރިއަލް ނަންބަރު އަދި މުދަލުގެ އަގާއި، ލިބުނު ތާރީހު ރަޖިސްޓްރީއަށް އަރުވާފައި ނުވާކަން ވަނީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައެވެ.

އޮޑިޓު އޮފީހުން ވަނީ އައްޑޫ ކައުންސިލްގެ ހަރު މުދަލުގެ ރަޖިސްޓްރީ ގާނޫނާއި އެއްގޮތަށް ރެކޯޑުކޮށް ހަރު މުދަލުގެ ރަޖިސްޓްރީ ފުރިހަމައަށް ބެލެހެއްޓުމާއި އެކު ކައުންސިލް އިދާރާގައި ހުންނަން ޖެހޭ ތަކެތި ބަރާބަރަށް ހުރިތޯ އަހަރަކު އެއްފަަރު ބެލުމަށް ލަފާދީފައެވެ.