Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ވެކްސިން ދިނުމުގައި ތަފާތުނުކުރުމަށް ޓްރާންސްޕޭރެންސީ އިން ގޮވާލައިފި

ކޮވިޑް-19 އިން ސަލާމަތްވުމަށް ގައުމީ ލެވެލްއެއްގައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށާފައިވާއިރު އެއްވެސް ބަޔަކަށް ތަފާތުކުރުމެއް ނެތި ވެކްސިން ދިނުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ އިން ގޮވާލާފައިވަނީ ވެކްސިން ދިނުމުގައި ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރުން ވެކްސިންގެ މަރުހަލާ ކުރިއަށް ގެންދިއުމަށެވެ. އެގޮތުން، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ކަމުގައިވާ ބިދޭސީންނަށް ވެކްސިން ދިނުމުގައި އިސްތިސްނާ ނުކުރުމަށް ކޮރަޕްޝަނާ ބޭއިންސާފާ ދެކޮޅަށް ވަކާލާތު ކުރާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލާފައިވެއެވެ.

ވެކްސިން ދިނުމުގައި ލިޔުންތައް ހުރި މަސައްކަތްތެރިންނާއި ލިޔުންތައް ހަމައަށް ނެތް މަސައްކަތެރިން އިސްތިސްނާ ނުކުރުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ. އަދި ފްރޮންޓްލައިނުގައި ހަރަކާތްތެރިވާ ބިދޭސީންނާއި އުމުރުން ދުވަސްވީ ބިދޭސީންނަށް ވެކްސިން ދިނުމުގައި ދިވެހިންނެކޭ އެއްފަދައިން އިސްކަން ދިނުމަށް ވެސް ޓްރާންސްޕޭރެންސީ އިން ގޮވާލާފައިވެއެވެ.

"ކޮރަޕްޝަން ކޮންޓްރޯލް ކުރުމަކީ މިފަދަ ހާލަތްތަކުން އަރައިގަތުމުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކަމެއް. ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ކެމްޕޭނެއް ފަށާފައިވާއިރު ވެކްސިން ދިނުމުގައި އިސްކަން ދޭ ފަރާތްތައް ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުން މުހިންމު" ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖެހުން ކަމަށް ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެފައިވާއިރު މިހާތަނަށް ވެކްސިން ޖަހާފައިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި އިސް ރަށް ވެހިންނަށެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އަނެއްކާވެސް އިތުރުވަމުން އަންނަ އިރު މިބަލިމަޑުކަމުން ސަލާމަތްވުމަށް އާބާދީގެ ބޮޑު ބަޔަކަށް ވީހާވެސް އަވަހަށް ވެކްސިން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން އަންނަނީ ގޮވާލަމުންނެވެ.