Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

އެސްޓްރަޒެނެކާ ވެކްސިން ޖަހަން ޑަބްލިޔުއެޗްއޯ އިން ލަފާ ދީފި

ކޮވިޑް-19 އާއި ދެކޮޅަށް އޮކްސްފޯޑް/އެސްޓްރަޒެނެކާ އިން އުފެއްދި ވެކްސިން ޖަހަން ވޯލްޑް ހެލްތު އޮގަނައިޒޭޝަނުން ލަފާދީފިއެވެ.

ޑަބްލިއުއެޗްއޯއަށް ލަފާދޭ އެކްސްޕާޓް ގްރޫޕްގެ ޗެއާމަން ޑރ. އެލިހަންދުރޯ ކްރަވިއޯޓޯ ވިދާޅުވީ މި ވެކްސިން ބޮޑެތި މީހުންގެ ތެރެއިން ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް ވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް މި ވެކްސިން ޖެހި ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ޙާލަތު ބޮޑުވެ އެނދުމަތި ކުރަންޖެހޭފަދަ މައްސަލަތައް ފާހަގަވަމުން ނުދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައިމިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ދޭން ބައެއް ގައުމުތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން ޑަބްލިއުއެޗްއޯ އިން ވަނީ އެންމެ ރަނގަޅީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު، 8 ހަފްތާއާއި، 12 ހަފްތާއާ ދެމެދުގެ މުއްދަތަކަށްފަހު ދެވަނަ ޑޯޒް ޖެހުން ކަމަށާއި އޭގެ ސަބަބުން ވެކްސިންގެ އިފެކްޓިވް ރޭޓް މަތި ކަމަށްވެސް ބުނެފައެވެ.

އޮކްސްފޯޑުގެ މި ވެކްސިން އިންޑިއާގައިވެސް އުފައްދާއިރު، އިންޑިއާގެ ސީރަމް އިންސްޓިއުޓްގައި އުފައްދާ އެ ވެކްސިނަށް ދީފައިވާ ނަމަކީ " ކޮވިޑްޝީލްޑް" އެވެ. އެގޮތުން ރާއްޖޭގައި ވެސް މިހާރު ޖަހަމުންދަނީ ކޮވިޑް ޝީލްޑް ވެކްސިނެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައިވާއިރު، މިހާތަނަށް 16،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.