Last Updated: February 27, 13:35
Saturday, February 27, 2021
ޚަބަރު

އިންޓަނެޓު ބޭންކިންގެ މައުލޫމާތު ތިންވަނަ ފަރާތަކާއި ހިއްސާ ނުކުރޭ!

އިންޓެނޓު ބޭންކިންގެ މައުލޫމާތު ތިން ވަނަ ފަރަތާކާއި ހިއްސާ ނުކުރުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްްގައި ބޭންކިން ހިދްމަތް ފޯރުކޮށްދެމުން އަންނަ ބީއެމްއިލް މިއަދު ބުނީ ފައިސާ ދައްކާފައިވާކަން ޔަގީންކުރުމަށްޓަކައި ބައެއް ކަސްޓަމަރުން ތާރޑް ޕާޓީ ވެބްސައިޓް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން www.kashavaru.com ހިމެނޭހެން ބައެއް ވެބްސައިޓްތަކުން ބޭންކުގެ އިންޓަރނެޓް ބޭންކިންގ ޕްލެޓްފޯމް ބޭނުން ކުރުމަށް މަސައްކަތްކޮށް ތާރޑް ޕާޓީ ޓްރާންސްފަރ ކޮންފަރމް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ބޭންކުން ބުނީ މިފަދަ ވެބްސައިޓު ތަކުން ފުރަތަމަ ކަސްޓަމަރުންގެ ނަން، ފޯނު ނަންބަރު، އެކައުންޓް ނަންބަރު ފަދަ ޒާތީ މައުލޫމާތު ފޯރުކޮށްދޭން އެދެއެވެ. އެއަށްފަހު ކަސްޓަމަރަށް ކޮންފަރމޭޝަން ކޯޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ޔޫސަރ ނޭމް އަދި ޕާސްވޯޑް ޖެހުމަށް އެދެއެވެ.

"އަޅުގަނޑުމެން ކަސްޓަމަރުންނަށް ކިބައިން އެދެނީ އިންޓަރނެޓް ބޭންކިންގެ މައުލޫމާތު މިފަދަ ސައިޓްތަކާ އަދި އެެހެން އެއްވެސް ފަރާތްތަކާ ހިއްސާ ނުކުރުމެވެ. އަދި ޕޭމަންޓް ކޮންފަރމް ކުރުމަށް މިފަދަ ވެބްސައިޓްތައް ބޭނުން ނުކުރުމަށް ވެސް އެދެމެވެ. ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ޔަގީންކުރެވޭނެއެވެ."

ބޭންކުން ބުނީ ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ރައްކާތެރިކަންމަތީ ބެލެހެއްޓުމުގެ ޒިންމާ އަކީ ބޭންކުން މުހިންމު އަހުމިއްޔަތުކަންދޭ އެއް ކަމެވެ. އެހެން ފަރާތަކުން ކަސްޓަމަރުންގެ މިފަދަ މައުލޫމާތު ބޭނުންކުރުމާއި، ވަގަށް ނެގުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބޭންކުން މުހިންމު ސަލާމަތީ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. ނަމަވެސް، ކަސްޓަމަރުން އަމިއްލައަށް އެހެން ފަރާތަކާ މިފަދަ ޒާތީ ސިއްރު މައުލޫމާތު ހިއްސާ ކުރުމުން މި މައުލޫމާތު ރައްކާތެރިކުރުމަށް ބޭންކުން ކަނޑައަޅާފައިވާ ކޮންޓްރޯލްތަކަށް ނޭދެވޭ އަސަރުކުރެއެވެ.

"އަޅުގަނޑުމެން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ އެއްވެސް ފަރާތަކާ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމެވެ. ބޭންކުން މިފަދަ ވެބްސައިޓްތައް މޮނީޓަރ ކުރުމަށްފަހު ކަސްޓަމަރުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވަމެވެ." ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.