Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

މިދިޔަ މަހު މީރާއިން 1.79 ބިލިއަން ރުފިޔާ ބަލައިގެންފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު 1.79 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.2 އިންސައްތަ ދަށް އަދަދެއް ކަމަށެވެ.

މީރާއިން ބުނީ، މިދިޔަ އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީ އާއި އަޅާބަލާއިރު ޖަނަވަރީ 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްވުރެ މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުން ކަމަށެވެ.

މިގޮތުން، ގްރީން ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން ދާތީ، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން އަންނަ ކަމަށް މީރާއިން ފާހަގަކުރެއެވެ.

ޖަނަވަރީ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 43.4 އިންސައްތަ ނުވަތަ 777.46 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 41.0 އިންސައްތަ ނުވަތަ 734.60 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 57.35 މިލިއަން ރުފިޔާ (3.2 އިންސައްތަ)، ޓޫރިޒަމް ލޭންޑް ރެންޓް ގޮތުގައި 52.34 މިލިއަން ރުފިޔާ (2.9 އިންސައްތަ)، ބީ.ޕީ.ޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާ (2.5 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 123.35 މިލިއަން ރުފިޔާ (6.9 އިންސައްތަ) ހިމެނެއެވެ.

ޖަނަވަރީ 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.01 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.