Last Updated: April 20, 19:35
Saturday, April 20, 2024
ވިޔަފާރި

އާ ރެކޯޑެއް، މިއަދު 4700 އަށް ވުރެ ގިނަ ޓޫރިސްޓުން

ރާއްޖެ އަށް މިއަދު އެކަނި ވެސް 4000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދަކީ މިއަހަރު ފެށުނު ފަހުން ރާއްޖެ އަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަސް ކަމަށެވެ. އެގޮތުން މިއަދު 4700 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 121،694 ފަތުރުވެރިން އައިސްފައެވެ. އެގޮތުން ރާއްޖެެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެގައުމުން ވަނީ 27،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ދެން އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިޔާ އިންނެވެ.

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ވެކްސިނަށް ދޭ ތަރުހީބުގެ އަލީގައި ރާއްޖެ ގުނާލެވިގެންދާނީ އެންމެ ފުރަތަމަ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ ފުރުސަތު ލިބޭ ގައުމަށް ކަމަށެވެ.

"މިހާރުވެސް ބޭރު ދުނިޔޭގެ މީޑީއާތަކުގައި ލިޔަން ފަށައިފި. އޭގެ ޒާތުގައި ރާއްޖެއަކީ މިހާރުވެސް އެންމެ ސަލާމަތީ ރައްކާތެރި މަންޒިލެއް. ދެން ވެކްސިންކަންތައް ފުރިހަމަ ވެގެން ދިޔައިމަ ދުނިޔޭގައިވެސް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ ބަދަލުވެގެން ދާނެ. އެ މެސެޖު އަޅުގަނޑުމެންގެ ރައީސް މި ދުނިޔެއަށް ދެއްވީ." މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު ބަންދުކުރި އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށްބޮޑަށް އަސަރުކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 555,399 ފަތުރުވެރިންނެވެ.