Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ލިވަޕޫލް ބަލިކޮށް ލެސްޓާ ދެވަނަ އަށް

3-1 އިން ލިވަޕޫލް ބަލިކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ މަގާމަށް ލެސްޓަ ސިޓީން އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ ދެވަނައިގައި ލެސްޓާ އޮތީ 46 ޕޮއިންޓާ އެކުއެވެ. އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް އޮތީ 40 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ. ލީގުގެ އެއްވަނައިގައި 50 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީ އެވެ.

ލެސްޓާގެ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 67 ވަނަ މިނެޓްގައި ފަމީނިއޯ ދިން ރީތި ޕާހަކުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ލެސްޓާ އަށް ލިބުނު ހިލޭޖެހުމަކުން ޖޭމްސް މެޑިސަން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި ލިވަޕޫލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 81 ވަނަ މިނެޓްގައި ޖޭމީ ވާޑީ ލިވަޕޫލަށް ލީޑު ނަގައިދިން އިރު އޭގެ ހަތަރު މިނެޓް ފަހުން ހާވީ ބާންސް ވަނީ ލެސްޓާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

މިއީ ލީގުގައި ލިވަޕޫލް ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ޖެހިޖެހިގެން ތިން މެޗުން ލިވަޕޫލް އެންމެފަހުން ބަލިވެފައިވަނީ 2014 ވަނަ އަހަރުއެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ އެވަޓަން އާއެވެ. ލެސްޓާ ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ.