Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ޓްރަމްޕް ކުށްވެރި ނުވާ ކަމަށް ކަނޑައަޅައިފި

އެމެރިކާގެ ކޮންގްރެސް ހިމެނޭ ކެޕިޓަލް އިމާރާތުގައި ހަމަނުޖެހުން ހިންގުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްވަރު ދެއްވިކަން ސާބިތު ނުވާ ކަމަށް އެގައުމުގެ ސެނެޓުން ރޭ ކަނޑައަޅައިފިއެވެ.

ސެނެޓުން މިގޮތަށް ކަނޑައެޅީ ޓްރަމްޕް އާއި ދެކޮޅަށް ސެނެޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައެވެ. އެގޮތުން ޓްރަމްޕް ކުށްވެރިވާ ކަމަށް ފާސްކުރެވޭނީ ސެނެޓުގެ 100 މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ކަމަށްވާއިރު އޭނާއާ ދެކޮޅަށް 57 މެމްބަރުން ވޯޓު ދެއްވިއެވެ. ޓްރަމްޕް ކުށްވެރި ނުވާ ކަމަށް 47 މެމްބަރުން ވޯޓު ދެއްވިއިރު، އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅަން މަދުވީ 10 ވޯޓެވެ.

ޓްރަމްޕް ކުށްވެރިވާ ކަމަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ހަތް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

ޓްރަމްޕް ކުށްވެރިވާ ކަމަށް ކަނޑައެޅިނަމަ އޭނާ އަށް ދެން ދުވަހަކު ވެސް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތް ހެދުމަށް ވެސް ސެނެޓުގައި ވޯޓަށް އެހުން އެކަށީގެންވެއެވެ.

ސެނެޓުގެ މި ނިންމުމާއެކު ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވަނީ މި ޝަރީއަތް ކުރިއަށް ގެންދިޔުމަށް ބާރު އެޅި ޑިމޮކްރެކްޓިކް ޕާޓީގެ މެމްބަރުންނަށް ފާޑު ވިދާޅުވެ، އޭނާ ފަށާފައިވާ ތާރީހީ ހަރަކާތް އަދި ކިރިޔާ ފެށުނީ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަޕޯޓަރުންނާއި ގިނަ ކަންކަން ހިއްސާކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މިއީ ޓްރަމްޕާއި ދެކޮޅަށް ހިންގުނު ދެވަނަ އިމްޕީޗްމެންޓް ޝަރީއަތެވެ. ދެފަހަރު ވެސް ސެނެޓުން ވަނީ ވަނީ ޓްރަމްޕް ކުށްވެރި ނުވާ ކަމަށް ކަނޑައަޅާފައެވެ.