Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ސިޓީ އަށް ހަތް ޕޮއިންޓުގެ ލީޑެއް

3-0 އިން ޓޮޓެންހަމް ބަލިކޮށް ޕްރިމިއާ ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ސިޓީ ލީގުގެ އެއްވަނައިގައި މިހާރު އޮތީ 53 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 46 ޕޮއިންޓާ އެކު ލެސްޓަ ސިޓީ އޮތްއިރު ރޭ ބަލިވި ޓޮޓެންހަމް އޮތީ 36 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.

ސިޓީގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 23 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރޮޑްރީ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އިލްކާއި ގުންޑޮގާން ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ސިޓީގެ ތިންވަނަ ގޯލު މެޗުގެ 66 ވަނަ މިނެޓްގައި ކީޕަރު އެޑަސަން ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ވެސް ގުންޑޮގާން އެވެ. ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްލަން ރަހީމް ސްޓާލިން އަށް ވެސް ފުރުސަތު ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

މިއީ ސިޓީން ބަލިނުވެ ފުރިހަމަ ކުރި 23 ވަނަ މެޗު ކަމަށްވާއިރު އެޓީމު ވަނީ އެންމެފަހުން ކުޅުނު 16 މެޗުން ވެސް މޮޅުވެފައެވެ.

ލީގުގައި ސިޓީން އަންނަ ބުދަ ދުވަހުގެރޭ ވެސް މެޗެއް ކުޅޭނެއެވެ. އެ މެޗުގައި އެޓީމު ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.