Last Updated: April 20, 09:35
Saturday, April 20, 2024
ޚަބަރު

މަސްތުވާތަކެއްޗާއެކު ޕެސްޓު ހައްޔަރުކޮށްފި

ރެޕް ލަވަކިޔުންތެރިޔާ ޕެސްޓު. ފޮޓޯ - ކޯޑްފޮށި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓު) ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ރެޕް ލަވަކިޔުމުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕެސްޓު ވެސް ހިމެނޭ ކަމަށް "ސަން" އިން ރިޕޯޓުކޮށްފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ވަނީ ދާދި ފަހުން މާލެއިން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި މީހުންގެ ތަފްސީލު މީޑިޔާއަށް ދީފައެވެ.

ފުލުހުން ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި 50 އަށް ވުރެ ގިނަ ބަނގުރަލާ އެކު ތިން ދިވެހި ފިރިހެނުން ވަނީ އަތުލައިގެންފައެވެ. މި ބަނގުރާ އަތުލީ ހުޅުމާލެ އާއި މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި މީގެ ފަސް ދުވަސް ކުރިންނެވެ.

ބަނގުރަލާއެކު އަތުލައިގެންފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަދި 19 އަހަރުގެ ދިވެހި ފިރިހެނުންނެވެ.