Last Updated: July 10, 06:03
Thursday, July 10, 2025
ކުޅިވަރު

ނިއުކާސަލް ބަލިކޮށް ޗެލްސީ ހަތަރުވަނަ އަށް

2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމަށްފަހު ޕްރިމިއާ ލީގުގެ ހަތަރުވަނަ އަށް ޗެލްސީ އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ޗެލްސީ އޮތީ 42 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ބަލިވި ނިއުކާސަލް އޮތީ 25 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގައެވެ. އެއްވަނައިގައި 53 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީ އެވެ.

ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 31 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫޑް އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓިމޯ ވާނާ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ 14 މެޗަށްފަހު ވާނާ ޗެލްސީ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ޗެލްސީ އަށް ނިއުކާސަލްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.

މިއީ ޗެލްސީން ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ. ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ ސައުތްހެމްޓަންއާއެވެ. ނިއުކާސަލް ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.