Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ކަރަންޓު ބިލް އެއްވަރެއްގައި ބެހެއްޓޭނެ ގޮތް ސްޓެލްކޯއިން ހަދައިފި

ކަރަންޓު ބިލް އެއްވަރެއްގައި ދެއްކޭނެ ޕްލޭނެއް ސްޓެލްކޯއިން ތައާރަފުކޮށްފިއެވެ.

"އީކުއަލް ޕޭމެންޓް ސިސްޓަމް"ގެ ނަމުގައި މިއަދު ސްޓެލްކޯއިން އަލަށް ތައާރަފު ކުރި ޕްލޭންގެ ދަށުން ކަސްޓަމަރުންގެ ކަރަންޓު ބިލް ބޮޑުވިޔަ ނުދީ އެއްވަރެއްގައި ބެހެއްޓޭނެ ގޮތް ވަނީ ހަދާފައެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މި ޕްލޭންގެ ދަށުން ކަރަންޓު ބިލް ބޮޑުވިޔަ ނުދީ ބަޖެޓް ކުރެވޭނެ ކަމަށެވެ.

މިޕްލޭންގެ ދަށުން ކަސްޓަމަރާއި ސްޓެލްކޯ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ އެވެ. މަހުން މަހަށް ކަސްޓަމަރު ފައިސާ ދައްކަން ޖެހޭނީ ކަސްޓަމަރާއި އެކު އެއްބަސްވެވޭ އަދަދަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މުޣުނީ ވިދާޅުވީ މި ޕްލޭން އެކުލަވާނީ ފާއިތުވި ދެ އަހަރުގެ ކަސްޓަމަރުންގެ ރިވިއު ބެލުމަށްފަހު ކަމަށެވެ.މި ޕްލޭންގައި ބައިވެރިވެވޭނީ ފާއިތުވި 12 މަސް ދުވަހު ބަރާބަރަށް ކަރަންޓު ބިލް ދައްކަވާފައިވާ ފަރާތްތަކަށެވެ.

މި ޕްލޭންގައި ބައިވެރިވެވޭނީ ގޭގެ ވެރިފަރާތް ނުވަތަ ކަރަންޓުގެ ވެރިފަރާތުގެ އިތުރުން އިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތަށެވެ. މީގެ އިތުރުން އިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތުން ވެސް މިޕްލޭންގައި ބައިވެރިވެވޭނެއެވެ. ނަމަވެސް އެފަރާތްތަކުން އިމާރާތުގެ ވެރިފަރާތުގެ އިއްތިރާޒު ނެތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.

މުޣުނީ ވިދާޅުވީ މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ހަރަދުތައް ބަޖެޓު ކުރެވި ކަރަންޓު ބިލް ފަސޭހައިން ދައްކާލެވޭނެކަމަށެވެ. އަދި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހަ ރަނގަޅު ހިދްމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ.