Last Updated: April 20, 17:48
Saturday, April 20, 2024
ރިޕޯޓް

ކެތްތެރިވާށެވެ. ބޭނުންވާ ކަމެއްގައި ލަސްވުމަކީވެސް ބައެއް ފަހަރު ނިއުމަތެކެވެ.

ދުނިޔެއަކީ ރީތި ހުވަފެނެކެވެ. މި ވަގުތީ ފާލަމުގައި އަހަރެމެންގެ ދިރިއުޅުމުގެ ދުވަސްތައް ވޭތަކުރަމުން ދާއިރު އެކި އިމްތިހާނުތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ބައެއް ފަހަރު ދިރިއުޅުން މަތިން މާޔޫސްވެގެންދާ ކަންކަމާއި ވެސް ދިމާވާނެއެވެ. ވަރަށް ބޭނުންވި އެއްވެސް ނުލިބި ވެސް ހިނގައިދާނެއެވެ. ނުވަތަ ލޯބިވާ ގާތް މީހަކު ތިބާއާއި ވަކިވެސް ވެދާނެއެވެ. އެންމެ ގާތުގައި އެކީގައި އުޅޭ އެކުވެރިން ތިބާއަށް ބޭވަފާތެރިވެދާނެއެވެ. އެހެންނަމަވެސް ދިރިއުޅުމުގައި ދިމާވާ އިމްތިހާނުތަކާއި ކެރިގެން ކުރިމަތި ލައިގެން ހިތްވަރާއި އެކު ކުރިމަތިލާށެވެ.

އަބަދުވެސް ހަނދާން ކުރަންވީ މިއީ ވަގުތީ އާލަމެއް ކަމެވެ. މި ދުނިޔެއާއި މިތަނުގައި ވާކަންކަމަކީ ލޮލަށް ފެނިގެންދާ ރީތި ހުވަފެނެކެވެ. މި ހުވަފެނުގެ އަވައިގަ ޖެހިގެން ދިރިއުޅުން ބޭކާރު ކޮށްލާނީ މޮޔައިންނެވެ. ދިރިއުޅުމުގައި ދިމާވާ އުނދަގޫތަކާއި ކުރިމަތި ލާއިރު އަބަދުވެސް ހަނދާން ކުރަންވީ އަދި އެހެން ދުނިޔެއެއް ވާކަމެވެ. އެއީ ދާއިމީ އާލަމު ކަން އެއްވެސް ހާލެއްގައި ހަނދާން ނައްތާނުލާށެވެ. މިތަނުގައި އުފާ ހޯދަން ހޭބޯނާރައި ދުވުމުގެ ބަދަލުގައި މަހްޝަރު ދުވަހަށް ތައްޔާރުވާށެވެ. އޭރުން ހަމަގައިމުވެސް އަހަރެމެން މާޔޫސް ވާކަށް ނުޖެހޭނެއެވެ. އޭރުން ދިރިއުޅުމާއި ދޭތެރޭ އަހަރެމެން ދެކޭ ގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވާނެއެވެ. ދިރިއުޅުން ފަސޭހަވާނެއެވެ.

ޝައްކެއްވެސްނެތެވެ. ގަދަ ކީރިތި ވަންތަ އިލާހު، އެއްވެސް އަޅަކަށް ދެރަ ގޮތެއް ނުޖައްސާނެއެވެ. އަދި އެއްވެސް އިންސާނަކަށް އެމީހަކަށް ނުއުފުލޭވަރު އިމްތިހާނެއް ނުވަތަ ބުރައެއް ނުޖައްސަވާނެއެވެ. އެހެންކަމުން އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ ކަންކަމާއި މެދު ޝަކުވާ ނުކުރާށެވެ. ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަން ގަބޫލުކުރާށެވެ. ތިބާ ލޯބިވާ މީހަކު ނުލިބުމުން ދިރިއުޅުމުން އުންމީދު ކަނޑާނުލާށެވެ. އޭގެ ބަދަލުގައި އާ ހިތްވަރަކާއި އެކު ތެދުވެ ދިރިއުޅުމައިގެން ކުރިއަށް ދާށެވެ. ތިބާ އެންމެ ކުޑައިރުއްސުރެ އަދާކުރަން ބޭނުންވި ވަޒީފާ އަދާކުރުމުގެ ފުރުސަތު ނުލިބިދާނެއެވެ. އޭގެ ބަދަލުގައި އަދާކުރަން ބޭނުންނުވާ ވަޒީފާއެއްވެސް އަދާކުރަން ޖެހިދާނެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ ދިރިއުޅުން މަތިން މާޔޫސް ވުމެއް ނޫނެވެ. އެއީ ވެސް ގަދަ ކީރިތިވަންތަ އިލާހު ތިބާއަށް ދެއްވި ރަހުމަތެއް ކަމުގައި ދެކޭށެވެ.

ބުނަން މަސައްކަތް މިކުރަނީ ވަރަށް އާދައިގެ ކުޑަވާހަކައެކެވެ. ތިބާ ބޭނުންވާ ކަމެއް ނުވެ ނުވަތަ ލަސްވުމަކީވެސް ހެވެއްކަމުގައި ދެކޭށެވެ. ތިބާއަށް ގެއްލުނު އެއްޗެއްގެ ބަދަލުގައި މާތް ﷲ އެއަށްވުރއ ރަނގަޅު އެއްޗެއް ތިބާއަށް ދެއްވާނެއެވެ. އަބަދުވެސް ލިބޭ މިންވަރަށް ޝުކުރު ކުރާށެވެ. އަހަރެމެންނަށް ވުރެ ހާލުގައި ވެސް ދިރިއުޅޭ މީހުން އެބަ އުޅެއެވެ. އެހެންކަމުން ކުދި ކަންކަމާއި ޝަކުވާ ކުރުމުގެ ބަދަލުގައި ޝުކުރުވެރިވާން ދަސްކުރާށެވެ. މާދަމާވެސް މަރުވެދާނެއެވެ. މަސައްކަތް ކުރަންވީ ދުނިޔެވީ އުފާތައް ހާސިލުކުރަކަށް ނޫނެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ސުވަރުގެ ވަންތަ ވެރިއަކަށް ވާށެވެ. އަހަރެމެންގެ މަގްސަދަކަށް ހަދަންވީ އެކަމެވެ.