Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

ވޯޓަކާއި ނުލާ 120 ކެނޑިޑޭޓުން އިންތިހާބުވެއްޖެ

ވޯޓު ފޮށި ބަންދުކޮށްފައި، ފޮޓޯ: އިބްރާހިމް އަބްދުﷲ

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 120 ކެނޑިޑޭޓުން ވޯޓަކާއި ނުލައި އިންތިހާބުވެއްޖެއެވެ.

އިންތިހާބަކާ ނުލައި، ލޯކަލް ކައުންސިލްތަކަށް 30 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 90 މެންބަރުން އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދަން ހުޅުވާލި ފުރުސަތު މިމަހު 11 ވަނަ ދުވަހު ހަމަވި އިރު އަންހެނުންގެ ކޮމެޓީތަަކަށް ކުރިމަތިލި 139 މީހަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މީގެއިތުރުން، ޝަރީފް ވިދާޅުވީ ނަން ގެންދިއުމުގެ ސަބަބުން ވާދަކުރާނެ ކެންޑިޑޭޓުން ނެތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު ފަހުން ހުޅުވާލާނެ ކަމަށެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ.