Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

އެމްބާޕޭގެ ހެޓްރިކުން ބާސާ އަތުން ޕީއެސްޖީ މޮޅުވެއްޖެ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާގެ މައްޗަށް 4-1 އިން ޕީއެސްޖީން ކުރި ހޯދައިފިއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗަށް ޕީއެސްޖީން ނިކުތީ އެޓީމުގެ އިތުބާރު ފޯވާޑް އަދި ބާސާ އަށް ކުރިން ކުޅުނު ނޭމާގެ އިތުރުން ޑިމަރިޔާ އާއި ނުލައެވެ. އެ ދެ ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބާސާ އިންނެވެ. އެގޮތުން ބާސާ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އަނބުރާލަން ޕީއެސްޖީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު މެޗުގެ 65 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި މޮއިސް ކީން ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު މެޗުގެ 85 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ޕީއެސްޖީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މޮޅާއެކު ޕީއެސްޖީ ވެގެން ގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި ބާސާގެ އަމިއްލަ ދަނޑުގައި އެޓީމުގެ މައްޗަށް ކުރި ހޯދި ފްރާންސްގެ ފުރަތަމަ ޓީމަށެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

މީގެއިތުރުން މުބާރާތުގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލް އިން ވަނީ ރެޑްބުލް ލީޕްޒިގްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ. މި މެޗުގައި ފެނިގެންދިޔަ ދެ ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އާއި ސަޑިއޯ މާނޭއެވެ.