Last Updated: April 25, 20:50
Thursday, April 25, 2024
ރިޕޯޓް

މާބޮޑަށް ކެއްސަނީތަ؟ މިކަންކަން ކޮށްލަމާ

މެދުނުކެނޑި ގިނައިން ކެއްސާނަމަ އެއީ ވަރަށް އުނދަގޫވާ އަދި އެހާމެ ރުޅިވެސް އާދެވޭ ކަމެކެވެ. ތެދުތެދަށް ބުނާ ނަމަ ކެއްސުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ. ކެއްސުމުގެ ސަބަބުން އަހަރެމެންގެ ކަރުތެރޭގައި ހަރުލާފައި ހުންނަ ނުރައްކާތެރި ޖަރާސީމުތައް ހަށިގަނޑުން ބޭރުވެއެވެ. އެހެންނަމަވެސް ދެބަސް ވެވެން ނެތް ހަގީގަތަކީ މާބޮޑަށް އަބަދު ކެއްސުމަކީ އާއްމު ދިރިއުޅުމަށްވެސް އޭގެ އަސަރުތަކެއް ކުރާ ކަމެއް ކަމެވެ. އަބަދު ކެއްސާނަމަ މީހުންގެ ތެރޭގައި އުޅެންވެސް ފަސް ޖެހޭނެއެވެ.

ކެއްސާ ކެއްސާ ކަރުން ލޭރަހަ ލާވަރުވީ ހެއްޔެވެ؟ ކެއްސާ ލާއިރަށް ހޮސްޕިޓަލަކަށް ނުގޮސް އަހަރެމެންނަށް ގޭގައި ތިބެގެން ވެސް ފަރުވާ ހޯދިދާނެއެވެ. ކެއްސާ ބޭސް ބޮއެގެން ނިދި ނިދި އިނުމަށް ވުރެ ގޭތެރެއިން ކެއްސުމަށް ފަރުވާ ހޯދުމަށް ގިނަ ބަޔަކު ބޭނުންވެސް ވާނެއެވެ.

އާވިއެރުވުން:
އަބަދު ކެއްސާތީ އެކަމާއި ދޭތެރޭ ހަދާނެ ގޮތެއް ނެތިގެން ކޮންމެ ފަހަރަކު ހޮސްޕިޓަލަށް ގޮސް އާވިއެރުވުމުގެ ބަދަލުގައި އަހަރެމެންނަށް ގޭގައި ތިބެގެންވެސް އާވިއެރުވިދާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ފެން ހޫނު ކުރުމަށް ފަހު ބޮޑު ތައްޓަކަށް އަޅާށެވެ. ތައްޓަކަށް އެޅުމަށްފަހު ތައްޓާއި މޫނު ގާތް ކޮށްލުމަށްފަހު ބޮލާއި މޫނާއި ތަށި އެއްކޮށް ތުވާއްޔަކުން ނިވާ ކުރާށެވެ. އެއަށް ފަހު ހޫނުފެނުން އަރާ އާވި މަޑު މަޑުން ނޭފަތުން ދަމާށެވެ. މިގޮތަށް ކަންތައް ކުރުމުން ކަރު ތެރެ ސާފުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.

ލޮނުފެނުން ކަރު ދޮއުން:
އަބަދު ކެއްސާނަމަ ފެން ފޮދަކަށް ކައްކާ ލޮނު އެޅުމަށްފަހު އޭގެން ރަނގަޅަށް ކަރު ދޮންނާށެވެ. ދުވާލަކު ދެ ފަަހަރު ލޮނުފެނުން ކަރު ދޮންނާށެވެ. ލޮނުފެނުން ކަރު ދޮންނައިރު ބޭނުންވާނަމަ ތާފަނާ ފެންފޮދެއް ތެރެއަށްވެސް ލޮނު އެޅިދާނެއެވެ. ތާފަނާ ފެނަށް ލޮނު އަޅައިގެން ކަރު ދޮންނަ އިރު، ކަރު ނުފިހޭ ވަރަށް ފެން އިހޫ ކުރަން ސަމާލުކަން ދޭށެވެ. މިފަދައިން ލޮނުފެނުން ކަރު ދޮއުމުން ކަރުގައި ހަރުލާފައި ހުންނަ ޖަރާސީމުތައް މެރުމަށް އެހީތެރިވެދެއެވެ.

މާމުއި:
މާމުއި އަކީ އެތައް ބައްޔަކަށް ފަރުވާ ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. އެގޮތުން ކެއްސުމަށް ފަރުވާ ހޯދުމަށްވެސް މާމުއި ބޭނުން ކުރެވިދާނެއެވެ. ކެއްސާނަމަ ފަރުވާ ހޯދުމަށް މާމުއި ދެގޮތަކަށް ބޭނުން ކުރެވިދާނެއެވެ. ފުރަތަމަ ގޮތަކީ މާ ބޮޑަށް ކެއްސާ ގަޑިތަކުގައި މާމުއި ސަމްސަލެއް ބޮއުމެވެ. ދެވަނަ ގޮތަކީ މުމާއި ތެރެއަށް ލުނބޯ ހުތް އަޅައިގެން ރަނގަޅަށް އެއްކޮށްލުމަށްފަހު ބޯލުމެވެ. މާމުއިގައި ހިމެނޭ އެންޓި އެކްސިޑެންޓްގެ މާއްދާގެ ސަބަބުން ކަރުގައި ހުންނަ ޖަރާސީމުތައް މަރައިދުނުމުގައި އެހީތެރިވެއެވެ.