Last Updated: April 20, 16:27
Saturday, April 20, 2024
ވިޔަފާރި

އިސްލާމިކް ބޭންކިންއަށް ލިބޭ ތަރުހީބު ދަނީ އިތުރުވަމުން: ބީއެމްއެލް

Processed with VSCO with e2 preset

އިސްލާމިކް ބޭންކިންއަށް ލިބޭ ތަރުހީބު ދަނީ އިތުރުވަމުން ކަމަށް ބޭންކް އޮފް މޯލްޑިވިސް އިން ބުނެފިއެވެ.

އެގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ފަރާތުން ބުނީ، ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ފައިނޭންސިންގެ ޖުމްލައަދަދު ފާއިތުވި 3 އަހަރު ތެރޭގައި އިތުރުވެގެން ގޮސްފައިވާއިރު މި މުއްދަތުގައި ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ.

2018 ވަނަ އަހަރުން 2020 އަހަރާ ހަމަޔަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސާ ކުރެވިފައިވާ އެކައުންޓްތަކަށް ޑިޕޮސިޓްކޮށްފައިވާ އަދަދު އިތުރުވެ މިދިޔަ އަހަރު ނިޔަލަށް މިއަދަދު ވަނީ 1.02 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

2020 ވަނަ އަހަރުގެ ނިމުނުއިރު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ޖުމްލަ 1.07 ބިލިއަން ރުފިޔާ ގެ ފައިނޭންސް ވަނީ ދޫކޮށްފައެވެ. ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ނަގާފައިވާ ފައިނޭންސިންގެ %92 އަކީ ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމަށް ނަގާފައިވާ ފައިނޭންސިންގއެވެ. އަދި %4 ހިއްސާކުރަނީ ގެސްޓްހައުސްތަކަށާއި ވިޔަފާރި ވަރކިންގ ކެޕިޓަލްއަށް ދޫކޮށްފައިވާ ފައިނޭންސިންގއެވެ. 

ފާއިތުވި އަހަރުތަކުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ވަނީ ޝަރުޢީ ހަމަތަކަށް ފެތޭ ގިނަ ހިދުމަތްތަކެއް ތައާރަފް ކުރެވިގެން ދިޔުމާއެކު ޖުމްލަ ފައިނޭންސިންގ އަށް %19ގެ ކުރިއެރުމެއްވަނީ ލިބިފައެވެ. 

2018 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ލުއި ފަސޭހަ ޝަރުތަކާއެކު އައު ޕްރޮޑަކްޓްތައް ތައާރަފް ކުރަން ފެށުމާއެކު ކަސްޓަމަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ބީއެމްއެލްގެ ކަސްޓަމަރުންގެ ތެރެއިން %45 ކަސްޓަމަރުންނަކީ އަަލަށް ބޭންކާ ގުޅުނު ކަސްޓަމަރުންނެވެ.