Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ދަރިވަރުންނަށް ސަރުކާރުން ދެއްކީ ހުވަފަން، ކޮށްލީ ނިކަމެތި!

"އަޅުގަނޑުމެން މިހާރު ރާއްޖެއިން ބޭރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީތަކާއި ފްލައިން ސްކޫލުތަކާ މަޝްވަރާ އެބަ ކުރަން ދިވެހި ދަރިވަރުންނަށް ކޯހުގެ ބާކީ އޮތް ބަޔަށް ފުރުސަތު ދެވިދާނެތޯ"

މިއީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅެކެވެ. ފޮނި އަދި އެހާމެ އުއްމީދީ ވާހަކަތަކެކެވެ. ނަމަވެސް މިނިސްޓަރުގެ މި ވާހަކަފުޅަށް އެއް މަސްވެގެންދިޔައިރު ވެސް މިކަމާ ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތެއް ނުވަތަ މިކަން ވާނެތޯ ނުވަތަ ނޫންތޯ ވެސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ކޮމިޓީގައި މިނިސްޓަރު ދެއްކެވި މި ވާހަކަފުޅާއެކު ފްލައިން ސްކޫލްގެ ދަރިވަރުން ތިބީ މިފަހަރު މަތީ ތައުލީމުގެ ލޯނުގެ ފުރުސަތު ހުޅުވާލާއިރު ރަނގަޅު ގޮތްތަކެއް އެ ދަރިވަރުންނަށް ހަމަޖެހިގެންދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެކަން ވެސް ވީ ބިލާހަކަށެވެ. އެގޮތުން އެ ލޯނު ފުރުސަތުގެ ދަށުން ޕައިލެޓްކަން ކިޔަވަން ފުރުސަތު ހުޅުވާލީ ދިހަ ޖާގައަށް ކަމަށްވާއިރު އޭގެތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ފަސް ޖާގަ އަދި އަލަށް ޕައިލެޓްކަން ކިޔަވަން ފަށާ ދަރިވަރުންނަށް ފަސް ޖާގައެވެ. ނަމަވެސް އައްޑޫ ފްލައިން ސްކޫލްގައި މިހާރު ކިޔަވަމުންދާ އެއްވެސް ދަރިވަރަކަށް މި ލޯނަށް ކުރިމަތި ނުލެވޭކަން ފާހަގަކޮށްލެވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފްލައިން ސްކޫލްގެ ބައެއް ދަރިވަރުންގެ ކޯހުގެ ބާކީބައި ފުރިހަމަ ކުރަން ރާއްޖެއިން ބޭރަށް ފޮނުވަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ ދެމެދު މަޝްވަރާތަކެއް ކުރެވިފައިވެއެވެ. ނަމަވެސް އެ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ދަރިވަރުން ބޭރަށް ފޮނުވުމުގެ އެއްވެސް އިންތިޒާމެއް ވެސް ސަރުކާރުގެ ތެރޭގައި މިހާތަނަށް ހަމަޖެހިފައެއް ނުވެއެވެ. ކުރު ގޮތަކަށް ބުނާނަމަ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވީ "ހުސް" ވާހަކަތަކެކެވެ.

ފްލައިންގެ ސްކޫލްގައި މައްސަލަތަކެއް ހުރެގެން އެކަމުގެ ކަންބޮޑުވުން ދަރިވަރުން ފާޅުކުރާތާ ހަތަރު މަސް ވީއިރު ސަރުކާރަށް އެކަށީގެންވާ ގޮތެއްގައި ކުރެވުނު އެއްވެސް ކަމެއް ހަގީގަތުގައި ނެތެވެ. ދަރިވަރުން ފޮނުވި ލިޔުންތަކާއި ސިޓީތަކަށް ކަމާބެހޭ ފަރާތްތަކުން ދިނީ މޮޅިވެރި ޖަވާބުތަކެކެވެ. ދެއްކީ ކުލަނުޖެހޭ ހުވަފެންތަކެކެވެ. އަމިއްލަ ގައުމުގައި ދިވެހި ދަރިވަރުން "ގަނަތެޅެން" ޖެހުމަކީ ސަރުކާރަށް ވެސް ހުރި ލަދެކެވެ. ރެކޯޑު އަދަދަކަށް ލޯނު ފުރުސަތުތައް ދިނުމަށް ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ފަހުރުވެލާފައި ވިދާޅުވިއިރު، ފްލައިން ސްކޫލްގައި ހާލުގައި ޖެހިފައިވާ ދަރިވަރުންނާ ގުޅޭގޮތުން ބަހެއް ބުނެލަން ވެސް މިނިސްޓަރު ކެރިވަޑައިނުގަތުމަކީ ދެރަވަރު ކަމެކެވެ. ކަމާބެހޭ މުއައްސަސާތަކުން މިކަމުގައި "ހަނު" ތިއްބެވުމަކީ ދަރިވަރުންނަށް ކުރެވޭ މަލާމާތެކެވެ.

2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑޫ އަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގިނަ ވައުދުގެ ވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި އައްޑޫގައި ގާއިމުވެފައި ހުރި ފްލައިން ސްކޫލް ތަރައްގީކޮށް އެތަނުން ޕައިލެޓުން ތަމްރީން ކުރުމުގެ އިތުރުން އެއާކްރާފްޓް އިންޖިނިއަރިން ވެސް ކިޔެވޭނެ މަގު ފަހި ކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ފެންނަ މަންޒަރާއި އިވޭ އަޑުތަކަށް ބަލާއިރު ރައީސްގެ މި ވައުދުފުޅު މިވީ ބިލާހަކަށް ނޫންބާވައެވެ؟

އިބޫގެ އައްޑޫ ވައުދު: ފްލައިން ސްކޫލް ތަރައްޤީކޮށް އެއާކްރާފްޓު އިންޖިނިއަރިން ކިޔެވޭ ގޮތް ހަދާނަން

ފްލައިން ސްކޫލްގައި ކޯސް ނުނިމި ހަތަރު ފަސް އަހަރުވެފައި ތިބި ދަރިވަރުން ތިބިއިރު، އިތުރު ގޮތްތަކެއް ނުހޯދައި ދަރިވަރުން މަޑުކޮށްގެން ތިބީ ވެސް ސަރުކާރުން ދެއްކި ފޮނުވި ހުވަފެނެއްގެ ސަބަބުންނެވެ. ނަމަވެސް ކުޑައިރުއްސުރެ ދެކެމުން އައި ޕައިލެޓަކަށް ވުމުގެ ހުވަފެނުގައި ކުލަޖެހޭނެ ކަމުގެ އުއްމީދު ފަނޑުވިއިރު، އެ ދަރިވަރުންގެ ހަޔާތުން ބޭކާރު ވެގެންގޮސްފައިވަނީ އިތުރު ދުވަސްވަތަކެކެވެ. ފެންނަން އޮތް ބޮޑު މަންޒަރަކީ ހުވަފެން ދެއްކުމަށްފަހު ސަރުކާރުން ދަރިވަރުން ނިކަމެތިކޮށްލި ހިތި މަންޒަރެވެ. ދަރިވަރުންގެ އާދޭހާއި އުދާސްތަކަށް ދިން ބީރު ކަންފަތުގެ މަންޒަރެވެ.