Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ޕޯޓޯ އިން ޔުވެންޓަސް ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯ އިން 2-1 އިން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓްގައި ޕޯޓޯ އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ޔުވެންޓަސްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ޕޯޓޯ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް މެހްދީ ތަރީމީ އެވެ. މި ގޯލަށްފަހު ވެސް މި ހާފުގައި ޕޯޓޯ އިން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޕޯޓޯ އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު މޫސާ މަރޭގާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިއޭސާ އެވެ. ނަތީޖާ އެއްވަރުކޮށްލަން ޔުވެންޓަސްގެ އަލްވަރޯ މޮރާޓާ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޕޯޓޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިއީ ޔޫރަޕްގެ މުބާރާތެއްގައި ޕޯޓޯ އިން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުއެވެ.

މީގެއިތުރުން ޗެމްޕިއަންސް ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑުން ވަނީ 3-2 އިން ސެވިއްޔާ ބަލިކޮށްފައެވެ. މި މެޗުގައި ޑޯޓްމަންޑުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ހާލަންޑެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ދަހޫދްއެވެ. ސެވިއްޔާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ސޫސޯ އާއި ޑި ޔޮންގް އެވެ.