Last Updated: April 24, 06:35
Wednesday, April 24, 2024
ކުޅިވަރު

10 ޕޮއިންޓުގެ ލީޑެއް، ސިޓީ ހުއްޓުމެއް ނެތް

އެވަޓަންގެ މައްޗަށް 3-1 އިން ކުރި ހޯދައި ޕްރިމިއާ ލީގުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީން 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު އެއްވަނައިގައި ސިޓީ މިހާރު އޮތީ 56 ޕޮޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް މެންޗެސްޓަ ޔުނައިޓެޑް އަދި ލެސްޓަ ސިޓީ އަށް ވެސް ލިބިފައިވަނީ 46 ޕޮއިންޓެވެ. ޔުނައިޓެޑަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

އެވަޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސިޓީންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ފިލް ފޮޑެން އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރިޗާލިސަން ވަނީ އެވަޓަން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، މެޗުގެ 63 ވަނަ މިނެޓްގައި ރިޔާދް މަހްރޭޒް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ސިޓީ އަށް އަލުން ލީޑު ނަގާދީފައެވެ. މި ގޯލު މަހްރޭޒް ކާމިޔާބުކުރީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ސިޓީގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބާނަޑޯ ސިލްވާ އެވެ.

ރޭގެ މެޗުން މޮޅުވުމުގެ އިތުރަށް ސިޓީ އަށް ލިބުނު އަނެއް ހިތްހަމަޖެހުމަކީ އަނިޔާ އިން ރަނގަޅުވެ އެޓީމުގެ އިތުބާރު މިޑްފީލްޑަރު ކެވިން ޑި ބްރައިނާ އަލުން ކުޅުމުގެ ތެރެއަށް އައުމެވެ. އެގޮތުން އޭނާ ވަނީ ރޭގެ މެޗުގެ ފަހު 13 މިނެޓްގައި ކުޅެފައެވެ.

ރޭގެ މޮޅަކީ ސިޓީން ޖެހިޖެހިގެން ހޯދި 17 ވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ އާސެނަލްއާއެވެ.