Last Updated: April 30, 21:06
Wednesday, April 30, 2025
ޚަބަރު ހައި ކޯޓު

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ޝަފީއު އިންތިހާބުކޮށްފި

ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުގެ ފަރާތުން ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބުކޮށްފިއެވެ.

އެކަން ހާމަކޮށް ހައިކޯޓުން މިއަދު ބުނެފައިވަނީ، ޖޭއެސްސީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އުފައްދާއިވާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބު ކޮށްފައިވާ ކަމަށެވެ.

އިސްތިއުނާފުގެ މަޖިލިސް އެކުލެވިގެންވަނީ ތިން ފަނޑިޔާރުންގެ މައްޗަށެެވެ. ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުިގެ މަސްއޫލިއްޔަތަކީ ފަނޑިޔާރަކާ ބެހޭގޮތުން ޖޭއެސްސީން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމެވެ.

އިސްތިއުނާފު މަޖިލީހުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގައި ހިމެނޭ އެ ކޯޓުގެ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ އިތުރުން ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ.