Last Updated: May 8, 02:23
Wednesday, May 8, 2024
ޚަބަރު

ސިޔާސީ ދައުވާތައް ބަރިބަރިއަށް ކުރިޔަސް ލިބޭނެ މޮޅެއް ނެތް: ނިހާން

ސިޔާސީ ދައުވާތައް ބަރިބަރި އަށް ކުރިޔަސް އެއްވެސް ބަޔަކަށް ލިބޭނެ މޮޅެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި އެފަދައިން ވިދާޅުވީ، ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދުގެ ޕާސްޓްޕޯޓް ހިފަހައްޓާ ފުރުން މަނާކުރީ ޤާނޫނާއި ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކުރުމާއި ގުޅިގެންނެވެ.

ކުރީގެ ނައިބު ރައީސް ޖިހާދަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ، ސަރުކާރުގެ ‏އިސްމަޤާމުތަކުގައި 40 ހަކަށް އަހަރު ދިވެހިޤައުމަށް ތެދުވެރި އިޚްލާޞްތެރި ޚިދުމަތް ކޮށްދީފައިވާ ބޭފުޅަކު ޤާނޫނަށް ފިލަން ނުދުވާނެ ކަމަށެވެ. އަދި ސިޔާސީ ދަޢުވާތަށް ބަރިބަރިއަށް ކޮށް އަބުރުކަތިލުމަކުން އެއްބަޔަކަށް ވެސް ލިބޭނެ މޮޅެއް ނެތް ކަމަށާއި ހައްޤަށް ނަޞްރު ލިބޭނެ ކަމަށް ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ދައުލަތުން ޖިހާދާއި ދެކޮލަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަުގެ މަގާމުގައި ޖިހާދު ހުންނަވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރައްވާ އެއްބަސްވުމެއް އެކުލަވާލި މައްސަލާގައެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލު ކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން މިމަހުގެ 15 ވަނަ ދުވަހު ވަނީ ވަގުތީ އަމުރެއް ނެރެ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.

އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުން ވަނީ ހުކުމް އިއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ސަބަބުވެރި ނަޒަރަކުން ބަލާއިރު ޖިހާދަކީ ފިލާފާނެ މީހެއް ކަމަށް ނުދެކޭކަމަށެވެ. އަދި މިމައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކުރާކަމަށެވެ.