އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރަނީ އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހި ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު އޭނާގެ ފޭސްބުކް ކޮށްފައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އުތުރުތިލަފަޅުގައި އިންޑިޔާއިން އެޅުމަށް ހަމަޖެހިފައިވާ ޑޮކްޔާޑަކީ އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަދުތަށް ބަދަރު ކުރުމަށާއި މަރާމާތުކުރުމަށާއި އަދި އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހި ކުރުމަށް އަޅާ ތަނެއްކަމަށެވެ.
މި ޕްރޮޖެކްޓް ގެ ސަބަބުން މި ސަރަހައްދުގައި އިންޑިޔާގެ ސިފައިންނާ މަނަވަރު ތައް އަބަދުމެ ތިބުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އުމަރު ތުހުމަތުކުރެއްވިއެވެ.
އުމަރު ވިދާޅުވީ، ޚާރިޖީ ގުޅުމުގެ ތެރެއިން އެހެން ޤައުމު ތަކާ ދިފާޢީ ގުޅުން ބަދަހި ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރުލެއް ނާރާގޮތަށް ކަމަށެވެ.
"އަދި އިންޑިޔާ ކަޑުގެ 'ގޭޓް ކީޕަރު' ގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށްވެސް ބުރޫ ނާރާ ގޮތަށެވެ. މިއީ އިންޑިޔާއިން ރާއްޖޭގައި އެކިނަންނަމުގައި އެމީހުންގެ ސިފައިން ބައިތިއްބާ 4 ވަނަ ސަރަހައްދެވެ. މިހާރުވެސް އައްޑޫ، ލ.ކައްދޫ، ހދ.ހަނިމާދޫ ގައި އެމީހުންގެ އުޅަދުތަކާއެކު އިންޑިޔާގެ ސިފައިން ގާއިމްވެ އެބަތިއްބެވެ." އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން މަޑުމަޑުން ގެއްލެމުންދާކަމަށެވެ. އަދި އޭނާގެ ވެރިކަމެއްގައި އިންޑިޔާގެ ހުރިހާ ސިފައިން މި ޤައުމުން ފޮނުވާލެވޭނެ ކަމަށާއި އަދި އިންޑިޔާ އާއިއެކު އެކުވެރި ގުޅުމެއް ދަމަހައްޓާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވި ނަމަވެސް އެމްއެންޑީއެފުން ބުނެފައިވަނީ، އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާ އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ.