Last Updated: February 27, 13:35
Saturday, February 27, 2021
ޚަބަރު

އިދިކޮޅުން އިންޑީއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކޮށްފި

ފޮޓޯ: ސޯޝަލް މީޑިއާ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރުއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ހައިކޮމިޝަންގައެވެ.

ޕީ.ޕީ.އެމް. ޕީ.އެން.ސީ. ގެ ވަފުދުގައި އިސްކޮށް ހުންނެވީ ކޯލިޝަން ހިންގަން ވަގުތީގޮތުން ޙަވާލުވެވަޑައިގެން ހުންނެވި ޕީ.އެން.ސީ. ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަބްދުއްރަހީމް އާއި އެކު ލީޑަރޝިޕް ގްރޫޕްގެ މެންބަރުން ކަމުގައިވާ ޕީ.އެން.ސީ ގެ ނާއިބު ރައީސުން މުޙައްމަދު ޙުސައިން ޝަރީފް، މުޙައްމަދު ސަޢީދު އަދި އާދަމް ޝަރީފް ޢުމަރު، ޕީ.ޕީ.އެމް ގެ ނާއިބު ރައީސުން މުޙައްމަދު ޣައްސާން މައުމޫން އަދި އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ. އަދި، ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އަދި ޕީ.އެން.ސީ ގެ ސެކްރެޓަރީ ޖެނެރަލް ޤީލާ އަލީ ވެސް ހިމެނިވަޑައިގަތެވެ.

އިދިކޮޅު ކޯލިޝަނުން މައުލޫމާތުދޭ ގޮތުގައި، މި ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަސާސީ ހައްޤުތައް ނިގުޅައިގަނެ، އެމަނިކުފާނު ޖަލަށް ލައިގެން މި ސަރުކާރުން ކަންކުރަމުންދާ ގޮތުގެ މައުލޫމާތު އަރުވާފައިވެއެވެ. އޭގެ އިތުރުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުޞަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، ޕީ.ޕީ.އެމް. އިން ކެމްޕޭން ކުރުމަށް ސަރުކާރުން އެކިގޮތްގޮތުން އަޅަމުންދާ ހުރަސްތަކުގެ މައުލޫމާތުވެސް އަރުވާފައިވާކަމަށް މައުލޫމާތުދިފައިވެއެވެ.

"ރާއްޖޭގައި ޤާއިމުކުރެވުނު ޑެމޮކްރެޓިކް ނިޒާމު، މި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން އަންނަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންކަން ފާހަގަކޮށް، ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުމަކީ އިންޑިޔާއަށް މުހިންމުވާނެކަމެއްކަން ޔަޤީންވާކަމުގައިވެސް ވަފުދުގެ ބޭފުޅުން ވިދާޅުވިއެވެ. އެގޮތުން، މި ސަރުކާރުގެ ހަރުކަށި އަމަލުތަކާމެދު ގާތުން ފާރަވެރިވުމަށާއި، ޑެމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިޔާއިން ބާރުއެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެވުނެވެ." އިދިކޮޅުން ނެރެފައިވާ ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، އިންޑިޔާއަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ސަމާލުކަންދޭނެ ޒިންމާދާރު އަވަށްޓެރިއެއް ކަމަށާއި، އެގޮތުން ރާއްޖޭގެ ވާދަވެރި ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް އަބަދުވެސް އިސްކަންދެއްވާނެކަމަށް އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖަޔަޝަންކަރ ވިދާޅުވިކަމަށެވެ.