Last Updated: July 6, 22:22
Monday, July 7, 2025
ޚަބަރު

އިދިކޮޅުން ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބާއްވަނީ

އިިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު މުޒާހަރާ ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ހުކުރު ދުވަހު އޮންނަ މުޒާހަރާ ގައި ބައިވެރިވުމަށްޓަކައި ރަށްތަކުގައި ތިބި މީހުން ވެސް އެދެމުންދާ ކަމަށާއި އެގޮތުން މުޒާހަރާގައި ބައިވެރިވުމަށްފަހު ރަށަށް އަނބުރާ ގޮސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ވެސް އެމީހުން ތައްޔާރަށް ކަމަށެވެ.

ނަމަވެސް މިއީ އިދިކޮޅު ކޯލިޝަނުން އެހާ ހިތްވަރުދޭ ކަމަކަށް ނުވާތީ އެމީހުން ނުގެންނަން ނިންމާފައިވާ ކަމަށް ނިމާލު ވިދާޅުވިއެވެ.

"މާލޭގެ ހުރިހާ ރައްޔިތުން އެ ދުވަހު ނިކުންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. ހުކުރު ދުވަހުގެ އިވެންޓު ވާނީ ވަރަށް ބޮޑު އިވެންޓަކަށް ވާނީ. މާލޭގެ ހުރިހާ ރައްޔިތުން ސަރުކާރަށް އަޑު އިއްވަން ނިކުންނާނެ ކަމުގެ ޔަގީންކަން އެބައޮތް" ނިމާލު ވިދާޅުވިއެވެ.

އިދިކޮޅުން މިހާރު ބާއްވަމުންދާ މުޒާހަރާތަކަކީ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް ދިނުމުގައި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ބުނެ ބާއްވަމުންދާ މުޒާހަރާތަކެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވެސް މިފަދަ މުޒާހަރާއެއް އިދިކޮޅުން ބޭއްވިއެވެ.

އިދިކޮޅުން އަންނަ ހުކުރު ދުވަހު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންދާއިރު، މާލޭގައި އެއްވުންތައް ދެން ބާއްވާނަމަ ގާނޫނީ ފިޔަވަޅު ވަގުތުން އަޅާނެ ކަމަށް ފުލުހުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ހެޑް އޮފް މާލެސިޓީ ޕޮލިސް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅުން މުޒާހަރާތައް ބާއްވަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ހިލާފަށް ކަމަށެވެ.

އަދި މުޒާހަރާތައް ނުބޭއްވުމަށް އިދިކޮޅަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަން ފާހަގަކުރައްވާ އަބްދުﷲ ޝަރީފް ވިދާޅުވީ އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށާއި އެގޮތުން ދެން އެއްވުންތައް ބާއްވާނަމަ ވަގުތުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިއީ އެޗްޕީއޭގެ ގައިޑްލައިނާއި ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށްވާތީ މިފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް އާންމުންނަށް ވެސް ވަނީ އަންގާފައެވެ.

އިދިކޮޅުން އެއްވުންތައް ބާއްވަމުންދާއިރު އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް އަންގާފައެވެ.