Last Updated: April 26, 10:28
Friday, April 26, 2024
ކުޅިވަރު

މޮނީޓަރިން ހާލަތު އުވާލުމުން އައްޑޫ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނެ

އައްޑޫ ސިޓީގައި މިހާރު އިއުލާންކޮށްފައިވާ މޮނީޓަރިންގެ ހާލަތު އުވާލުމާއެކު، އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ކުޅުން ކުރިއަށްގެންދާނެ ކަމަށް މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯބެ ވިދާޅުވީ އައްޑޫގެ މޮނީޓަރިންގެ ހާލަތު އުވާލާތާ ހަފްތާއެއްހާ ދުވަސް ފަހުން ޕްރެކްޓިސް ކުރަން ޓީމުތަކަށް ފުރުސަތެއް ދިނުމަށްފަހު މުބާރާތުގެ ކުޅުން އަލުން ކުރިއަށް ގެންދާނެ ކަމަށެވެ.

މި މުބާރާތް މެދުކަނޑާލަން ޖެހުނީ އެންމެ ފޯރިގަދަވި ހިސާބުންކަން ފާހަގަކުރަމުން ސޯބެ ވަނީ މުބާރާތް އަވަހަށް ނިންމަން ކައުންސިލުން ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް މިވަގުތު ހުރިހާ ފަރާތްތަކަކުން ވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށާއި މިކަމުން ވީހާވެސް އަވަހަކަށް އަރައިގަނެވޭނީ އޭރުން ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

އައްޑޫ އިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއެކު މުބާރާތް މެދުކަނޑާލަން ޖެހުނުއިރު، މުބާރާތުގައި ބާކީ ދެން އޮތީ އެއް ސެމީފައިނަލް މެޗާއި ފައިނަލް މެޗެވެ. އެގޮތުން މުބާރާތުގެ ފައިނަލަށް މިވަގުތު ދަތުރުކޮށްފައިވަނީ މެދުވަލު އެފްސީ އެވެ.

މި މުބާރާތުގެ ދެވަނަ ސެމީގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް އެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. މިއީ މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.