އައްޑޫސިޓީ ހިތަދޫގައި ސިންތެޓިކް ޓްރެކް އެޅުމަށް މާޗް މަހު އިއުލާނުކުރެވޭނެ ކަމަށް އުންމީދުކުރާކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވަނީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅޭނީ ކޮންދުވަހަކުންތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ސިންތެޓިކް ޓްރެކް އެޅުމަށް ބަޖެޓްގައި ހިމަނާފައިވަނީ އައްޑޫއަށް ނިސްބަތްވާ ހުރިހާ މެމްބަރުންގެވެސް މަސައްކަތާއި އެކު ކަމަށެވެ.
"މި މަސައްކަތް އަޅުގަނޑު މި އުންމީދުކުރަނީ، އެންމެ ލަސްވެގެންވެސް މާޗް މަސްތެރޭ ހިސާބުގަ އަޅުގަނޑުމެންނަށް އިއުލާނު ކުރެވޭނެކަމަށް." މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ މަސައްކަތްކުރަމުން އަންނަނީ އެފަދަ މަސައްކަތްތައް ވީ އެންމެ އަވަހަށް ނިންމާލުމަށްކަމަށެވެ.