ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ، ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބުދާރީ ވާއިރު ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން މަޑުމައިތިރި ކަމާއި އެކު ތިބުމށް އިލްތިމާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނީ މަޖިލިސް ކޮންމެ އަހަރަކު ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ތެރެއިން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެ ބަޔާނަށް ޖަވާބެއް ތައްޔާރުކޮށް ހުށަހަޅަން ޖެހެ އެވެ.
އެގޮތުން އެމްޑީޕީގެ 65 މެންބަރުންނަށް ފަހު މަޖިލީހުގައި މެންބަރުން އެންމެ ގިނައީ ޕީޕީއެމްގަ އެވެ. އެޕާޓީ ތަމްސީލް ކުރައްވާ ހަ މެންބަރުން މިވަގުތު މަޖިލީހުގައި އެބަތިއްބެވި އެވެ.