ގައުމު ވިއްކާ ވާހަކަ ޕީޕީއެމުން ދައްކާތީ ލަދުގަންނަ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްވުމުގެ ތަފްސީލު ހޯދުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ ތެރެއިންނެވެ. މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެއެވެ.
ނަމަވެސް އިދިކޮޅުން އަންނަނީ އުތުރުތިލަފަޅަކީ އިންޑިއާ ސިފައިން ޤާއިމުވެ ތިބުމަށް ހަދާތަނެއް ކަމަށް ތުހުމަތު ކުރަމުންނެވެ.
އެ މައްސަލަ އަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ ގައުމު ވިއްކާލައި، ގައުމަށް ދެރަވާ ގޮތަށް މި ސަރުކާރުން ވެސް އަދި މަޖިލީހުން ވެސް އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ވެސް އެކަން އޮންނާނީ ސާބިތުކޮށްދީފައި ކަމަށެވެ.
"ގައުމު ވިއްކާ ވާހަކަ ޕީޕީއެމްގެ ބައެއް ބޭފުޅުން ދައްކާވާތީ، އަޅުގަނޑު ލަދުގަނޭ. އަޅުގަނޑުމެންނަށް، މި ދިވެހި ރާއްޖޭގެ ފާފު އަތޮޅު ސަލާމަތް ކުރެވިފައި މިއޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުކުމެ އޭރު ކުރި ވަރުގަދަ އިހުތިޖާޖުން" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އޭރު ހިންގަވަން އުޅުއްވި ކަންކަން ހިންގެވިނަމަ މުޅި ފ.އަތޮޅު ނެތުނީސް ކަމަށާއި ޔާމީން އެކަން ކުރަން ބޭނުންވި ގޮތަށް އިންޑިއާ އިން އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ.
"ވަގު ވަގަށް އެއްޗެއްގައި ސޮއި އަޅާލައިގެން، ސަރުކާރުން މިއަދު ސޮއިކޮށްފައިވާ އެގްރީމެންޓުގައި ސޮއިކުރަން ރައީސް ޔާމީން ވެސް ބޭނުންފުޅުވި. އެހެން ނަމަވެސް އެއީ އިންޑިއާ ސަރުކާރުން އެކަން ކުރާނެ ގޮތެއް ނޫން. އެހެންވީމަ އޭރުވެސް ސޮއި ނުކުރެވި އޮތީ" ހަސަން ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ހުޅުވާލެވިފައި އޮންނަ ގުޅުމެއް ކަމަށާއި އެ ގުޅުމުގެ ތެރެއިން ގޮސް އިންޑިއާ ކަނޑުގެ ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެހެން ބަޔަކަށް މި ސަރުކާރުން ނުދޭނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.