އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އަދުރޭގެ ލީޑަޝިޕްގެ ދަށުން ކުރިއަށްގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށަށް އަދުރޭ ގެނައުމަށްފަހު މައުލޫމާތު ސާފުކުރުމަށް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދުރޭ މިއަދު ހައްޔަރުކުރިއިރު އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ވެސް މާލޭގެ މަގުތަކުގައި އެއްވުމެއް ބާއްވާފައިވެއެވެ. އަދި އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވެސް އިދިކޮޅުން ވަނީ ނިންމާފައެވެ.
އިދިކޮޅުން އެއްވުންތައް ބާއްވަމުންދާއިރު މާލޭގައި އެއްވުންތައް ދެން ބާއްވާނަމަ ގާނޫނީ ފިޔަވަޅު ވަގުތުން އަޅާނެ ކަމަށް ފުލުހުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން މި އިންޒާރު ދީފައިވަނީ މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް އެޗްޕީއޭ އިން އަންގާފައިވާ ދަނޑިވަޅެއްގައެވެ.