Last Updated: April 20, 18:15
Saturday, April 20, 2024
ވިޔަފާރި

ޓޫރިޒަމުން މިދިޔަ 38 އަހަރު ނާންނަވަރުގެ ކުރިއެރުން އައްޑޫއަށް ގެންނަނީ

ޓޫރިޒަމްގެ ދާއިރާ އިން ފާއިތުވި 38 އަހަރު ނާންނަވަރުގެ ކުރިއެރުން އައްޑޫ ސިޓީ އަށް ގެންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ އައްޑޫގައި ފުރަތަމަ ފަހަރަށް ޓޫރިސްޓު ހޮޓަލެއް ހުޅުވިތާ 38 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ކުރެއްވި ޓްވީެއްގައެވެ. އެގޮތުން މައުސޫމް ވިދާޅުވީ ފާއިތުވި 38 އަހަރު ޓޫރިޒަމްގެ ދާއިރާ އިން ނާންނަވަރުގެ ކުރިއެރުން ކުރިއަށް އޮތް ފަސް އަހަރުތެރޭ އައްޑޫ އަށް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މައުސޫމް މިހެން ވިދާޅުވިއިރު މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މައި ހަރަކާތްތައް އައްޑޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ބްރިޓިޝް ލޯޔަލްޓީ ފައްތާލިތާ 75 އަހަރު ފުރޭ އަލިމަސް ޔޫބިލް ފާހަގަކުރުމަށް އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މިވަގުތު ބަންދުކޮށްފައިވާ އައްޑޫގެ ދެ ރިސޯޓު ކަމަށްވާ ކެނަރީފް އަދި ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމުގެ މަސައްކަތާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސޭނެ އިންތިޒާމު ވެސް ހަމަޖައްސަމުންދާ ކަމަށާއި މިކަން ކާމިޔާބު ވާނީ މި ދެ ކަންތައް ވެސް އެކު އެކީގައި ކޮށްގެން ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން 2022 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރު ކަމަށްވާއިރު، އެ އަހަރަށް މަރުހަބާ ކިޔާއިރު އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެންގެ މޫނަށް ހިނިތުވުންވުމުގެ ކުލަވަރު ގެނެސްދޭނެ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ. އެ ދެ ރިސޯޓު އަލުން ހުޅުވޭނެ ތާރީހެއް ދަންނަވަން ދަތި ނަމަވެސް މިއަހަރުތެރޭ އެ ދެތަން އަނބުރާ ވުޖޫދަށް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.