Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އައްޑޫގެ ބިޔަ މަޝްރޫއުތަކުގެ ފެންވަރާ މެދު ސުވާލު ނުއުފެއްދޭނެ

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބިޔަ މަޝްރޫއުތަކުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށް ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ބުނީ މި މަސައްކަތަކަށް ޖުމްލަ 1.19 ބިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ. މި ބިޔަ ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާއާއެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އެފްކޯންސް ކުންފުންޏަކީ މުޅި ދުނިޔޭގެ އެންމެ ވަރުގަދަ ކޮންޓްރެކްޓަރުންގެ ލިސްޓުގެ 17 ވަނައިގައި އޮތް ކުންފުންޏެއް ކަމަށާއި އަދި މި ޕްރޮޖެކްޓުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖެއްސި އެލްއެންޓީ އަކީ މުޅި ދުނިިޔޭގެ ފެންވަރުން ބަލާއިރު އެފްކޯންސް އަށް ވުރެ ވެސް ވަރުގަދަ ކުންފުންޏެއް ކަމަށެވެ.

ނަމަވެސް ކިތަންމެ މޮޅު ބަޔަކު ކުރި ނަމަވެސް މަސައްކަތެއް ކޮށް ނިމޭއިރު މައްސަލަތަކެއް ހުރެދާނެ ކަމަށާއި އަދި މައްސަލަ ދިމާނުވާނެއޭ ދަންނަވަން ވެސް ނުކުރޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް އެކަންތައް ބެލުމަށްޓަކައި ދޭންޖެހޭ އަހަމިއްޔަތުކަން ސަރުކާރުން ދޭނެ ކަމަށާއި ކަންކަން ގޯސްކޮށް ދާނަމަ މިހާރުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އަޑުއުފުލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އައްޑޫގެ ރައްޔިތުން މަޑަކުން ނުތިބޭނެ ފުރަތަމަ ގޯސްކޮށް ހަދާނަމަ، މިހާރު މިއޮތް ސިސްޓަމުގެ ތެރެއިން. އަޅުގަނޑަށް ވަރަށް ޔަގީން ޖިގްސޯގެ ހުރިހާ އެއްޗެއް އެއްކޮށްލީމަ ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް" ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫގެ ފެން ހިންދުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ) ޖުމްލަ 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅިގެންދާއިރު، ތާރުއެޅުމަށް ކަނޑައެޅިފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސިއެސްބީ) ލެޔާ އެޅުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކުރެވޭނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

މަޝްރޫއު ނިމިގެންދާއިރު ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑިއާއި މަރަދޫއާއި ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އައު 4 ލެންގެ ޑީޓުއަރ ލިންކް ރޯޑެއް ޤާއިމްކުރެވޭނެއެވެ. މިއީ އައްޑޫގައި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއްް މަޝްރޫއުއަށް ވެގެންދާނެ އެވެ.