ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކާއި މެދު ކަންކުރި ގޮތުގެ ތަފްސީލު ހޯދުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.
ޝިޔާމްގެ މައްސަލައިގައި ބުނެފައިވަނީ އެއް ކޮޓަރީގެ ފްލެޓުތައް ވުޖޫގައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވެފައިވާ ކަމަށާއި އަދި ފަހުން އެ ފްލެޓުތައް ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެމްޑަބްލިއުއެސްސީއިން ކަމަށާއި، ލިބެން ހުރީ 36 ފްލެޓު ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާކަމަށެވެ. އެއްކޮޓަރީގެ ފްލެޓްތަކާއި ގުޅޭގޮތުން ސަރުކާރުން އެކި ދުވަހު އެކިގޮތަށް ވާހަކަ ދައްކާފައިާކަމަށް ޝިޔާމްގެ މައްސަލައިގައިވެއެވެ.
މައްސަލައިގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު 12 ޓަވަރު ފެންނަން ހުރި އިރު އެ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފްލޯގެ ފްލެޓުތަކުގެ ގޮތުގައި 900 ފްލެޓަށް ވުރެ ގިނައިން ފްލެޓު ހުންނާނެ ކަަމަށާއި އެ ފްލެޓުތައް ވުޖޫދުގައި ނެތް ކަމަށް ބުނެ، މި ސަރުކާރުގައި އުފެއްދި ފަހި ދިިރިއުޅުން ކޯޕަރޭޝަނުގެ ދަށުން ބޮޑު އަގުގައި އެ ފްލެޓުތައް ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެކަމަކީ ޒުވާނުންގެ އުންމީދާއި ގުޅިފައިވާ މައްސަލައެއް ކަމަށާއި، ސަރުކާރުން އަމަލު ކޮށްފައިވާގޮތުން ގިނަ ރައްޔިތުން އިންތިހާއަށް ކަންބޮޑު ވެފައިވާކަމަށެވެ.
މި މައްސަލައަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެމްޑީޕީން ދެއްކި ވާހަކަތައް ބިލާހަކަށް ވަމުން އަންނަކަމަށެވެ. ޝިޔާމް ވިދާޅުވީ ހިޔާ ފްލެޓަކީ ކޮތަރު ކޮށްޓެއް ކަމަށްވިޔަސް އެތަން ބޭނުންވާ ނިކަމެތި ކިތަންމެ އާއިލާއެއް އެބަތިބިކަމަށެވެ.