Last Updated: July 1, 23:03
Tuesday, July 1, 2025
ޚަބަރު

ހިޔާ ފްލެޓަކީ މާލޭ މީހުނަށް ހައްޤު މިންވަރެއް ނޫން: މީކާއިލް

މެމްބަރު މީކާއިލް އަހުމަދު ނަސީމު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިޔާ ފްލެޓަކީ މާލޭ މީހުންނަށް ހައްޤު މިންވަރު ނޫން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކާއި މެދު ކަންކުރި ގޮތް ހޯދުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހަޅާފައިވާ މައްސަލައަށް ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ކުދިކުދި ތަންތަން ކޮޅުގައި އުޅެމުން އަންނަ މާލޭ މީހުންނަށް ހިޔާ ފްލެޓުވެސް ވާނީ ވަރަށް ބޮޑު ވަރަކަށް ކަމަށާއި، އެހެންނަމަވެސް އެއީ މާލޭ މީހުންނަށް ހައްޤު މިންވަރު ނޫންކަމަށެވެ.

"6 ފޫޓު 5 ފޫޓުގެ ކުޑަ ގޮޅިއެއްގައި އެތައް އަހަރެއް ހޭދަކުރަމުންދާ މީހާއަށް 500 އަކަފޫޓުގެ ކުޑަ ގޮޅިއެއް ދެއްކީމާވެސް އެ ވާނީ ޖަވާހިރަކަށް. އެހެންނަމަވެސް އެއީ އޭނާއަށް ހައްޤު މިންވަރެއް ނޫން. އެއީ މާލޭ މީހާއަށް ހައްޤު މިންވަރެއް ނޫން." މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ހިޔާ ފްލެޓްތަކަކީ ޖަވާހިރެއް ކަމަށް ހަދަން އުޅުނަސް އެއީ ޖަވާހިރަކަށް ނުވާނެކަމަށެވެ. އެހެންނަމަވެސް ހާލުގައި އެތައް އަހަރެއް އުޅެމުންދިޔަ ބަޔަކަށް ހިޔާ ފްލެޓްވެސް ވާނީ ބޮޑު އެއްޗަކަށް ކަަމަށް މީކާއިލް ވިދާޅުވިއެވެ. އެހެންކަމުން އެ ފްލެޓް ނުލިބުމުން އެ ރައްޔިތުންވެސް މެމްބަރަށް ގުޅާނެކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ 7،000 ފްލެޓްވެސް ހަމަނުވާ ތަނެއްގައި 12،000 އަށްވުރެއް ގިނަ މީހުނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ދޫކޮށްފައިވާކަމަށެވެ. އަދި އެގޮތަށް އެކަން އޮޅުވާލި ފަރާތްތަކާއި ދެކޮޅަށް ޖިނާއީ ދައުވާ ކުރެވެންޖެހޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.