Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

މި ސަރުކާރުން ވަނީ އެމްޑީޕީގެ ތިލަފަތް ވަގަށް ނަގާފައި: ހުސައިން މުހައްމަދު

މެމްބަރު ހުސައިން މުހައްމަދު ލަތީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން އެމްޑީޕީގެ ތިލަފަތް ވަގަށް ނަގާފައިވާ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ އެއް ކޮޓަރީގެ ފްލެޓްތަކާއި މެދު ކަންކުރި ގޮތް ހޯދުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހަޅާފައިވާ މައްސަލައަށް ވާހަކަ ދައްކަވަމުން ހުސައިން މުހައްމަދު ވިދާޅުވީ، ޝިޔާމް ހުށަހަޅާފައިވާ މައްސަލައަކީ ސީރިއަސްކޮށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

އެހެންނަމަވެސް މައްސަލައަކީ މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލާނެ މިނިވަން މުއައްސަސާއެއް ނެތުންކަމަށް ހުސައިން ވިދާޅުވިއެވެ. މިނިވަން މުއައްސަސާތައް އެމްޑީޕީން ހިސާރުކޮށްފައި އޮތްއޮތުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

އެއްކޮޓަރީގެ ފްލެޓްތަކަކީ ޒުވާނުންނަށް ހާއްސަކޮށްގެން އަޅާފައިވާ ފްލެޓްތަކެއްކަން ފާހަގަކޮށް ހުސައިން ވިދާޅުވީ އެ ޒުވާނުން އެތައް އަހަރެއް ވަންދެން ކުރި އިންތިޒާރުގެ ނިމުން އައީ ވަރަށް ހިތިކޮށްކަމަށެވެ.

ހުސައިން ވިދާޅުވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 'ފްލެޓް ދޮންބެ'ގެ ނަމުން މައްޝޫރު ވުމުން އެކަމުގެ އަގު ވައްޓާލުމަށް މިސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އެމްޑީޕީގެ ތިލަފަތްވެސް މިސަރުކާރުން ވަގަށް ނަގާފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ. ހުސައިން ވިދާޅުވީ ބޮހިޔާވަހިކަމުގެ އެއް ކެޓަގަރީ އެއްކޮށް ބާތިލުކުރުމަކީ އެކަން ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުން ބަސްބުނުމަށް ލިބޭ ހަމައެކަނި ފުރުސަތުކަން ފާހަގަކޮށް ހުސައިން ވިދާޅުވީ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނާތަން ވަރަށް ސާފުކޮށް ފެންނަކަމަށެވެ.