Last Updated: March 1, 09:02
Monday, March 1, 2021
ޚަބަރު

ހާނިމާއި އާޒިމަށްކުރާ ދައުވާ ހައިކޯޓުން ނުހުއްޓުވުނު

ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަން މޫސާ އާޒިމް އާއި އޭރު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މުހައްމަދު ހާނިމްގެ މައްޗަށް ދައުލަތުން އުުފުލާފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ގެންދަން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ވެސް ނިންމައިފި އެވެ.

ހާނިމާއި އާޒިމްެގެ މައްޗަށް ދައުވާ އުފުލީ މަސްތުވާތަކެތީގެ މައްސަލައިއެއްގައި ޖަލު ހުކުމް ތަންފީޒް ކުރަމުންދިޔަ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާ ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ. މި މައްސަލައިގެ ޝަރީއަތް ފެށޭނެ ކަމަށް ހައިކޯޓުން ނިންމީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކަށް ފަހު ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލް ކުރުމަށް ހާނިމް ހައިކޯޓަށް ހުށައެެޅުމުންނެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ކަނޑައެޅުއްވީ ކްރިމިނަލް ކޯޓުން ހާނިމް އާއި އާޒިމްގެ ޝަރީއަތް ކުރިއަށް ގެންދަން ނިންމި ނިންމުން ބާތިލް ކުރަން ޖެހޭ ކަމަށްބުނެ ހާނިމް ހުށައަޅާފައިވާ ސަބަބުތަކަށް ބެލިއިރު ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް
ނެތްކަމަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ނެޓްވޯކެއްގެ ބޮޑެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ސަފާ ރާއްޖެއިން ބޭރަށް ފުރުވާލާފައިވަނީ އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށެވެ.

ސަފާ ފުރުވާލި މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މައްސަލަ ޕީޖީއަށް ފޮނުވީ 2014 ވަނަ އަހަރު އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ ކުރީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ސަފާ ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލައިގައި އައިޖީއެމްއެޗްގެ ޑޮކްޓަރަކާއިި، ކަރެކްޝަނަލް ސާވިސްގެ އޭރުގެ މެޑިކަލް ބޯޑުގެ ދެ މެމްބަރަކާއި، މާލޭ ޖަލުގެ ކުރީގެ ޗީފް ސުޕްރިންޓެންޑެންޓުގެ މައްޗަށްވެސް ދައުވާ ކުރަން އޭސީސީއިން ފޮނުވި އެވެ. ނަމަވެސް، އެ މީހުންނަށް ދައުވާކޮށްފައި ނުވެ އެވެ. ސަފާ ގަވައިދާއި ހިލާފަށް ފުރުވާލި ފަހުން އަނބުރާ ރާއްޖެ ގެނެސްފައިވެ އެވެ. ނަމަވެސް ހައިކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފަ އެވެ.