Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ފަނޑިޔާރު މަހާޒު ހަމަޖައްސައިފި

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު ހަމަޖައްސައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާ "ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް" އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ހަމަޖައްސާފައިވާކަން ސުޕްރީމް ކޯޓުން ހާމަކޮށްފައިވަނީ މިއަދު އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަކީ، ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން، ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފުކުރުމުން އެފަދަ މައްސަލަތައް ބެލުމަށް ކޮންމެ ޖުޑީޝަލް އަހަރަކަށް އެކުލަވާލެވޭ މަޖިލީހެކެވެ.

ފާއިތުވެދިޔަ ޖުޑީޝަލް އަހަރު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަރާތުން ހަމަޖައްސާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެވެ.