އައްޑޫ ފްލައިން ސްކޫލު ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްޤުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ފްލައިން ސްކޫލު މައްސަލައިގައި މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ރިޕޯޓަށް މިއަދު ވޯޓަށް އަހައިގެންނެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 45 މެމްބަރުންގެ ވޯޓުންނެވެ.
ފްލައިން ސްކޫލުގެ މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ކޮމިޓީން ހުށަހަޅާފައިވަނީ، އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް ހުރަސް އެޅިފައިވާތީ، ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުމަށެވެ.
އަދި ދަރިވަމުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްޤުތަކާއި އެ ދަރިވަމުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމާއި، ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްޤުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި އެ ފަރާތްތަކާ މެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމަށެވެ.
މީގެ އިތުރުން ކޮމިޓީން ވަނީ ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށް ހުޅުވާލެވިގެން ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ފްލައިން ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ޤައުމުގެ ކުރިމަގަށާއި ޤައުމުގެ އިޤްތިސާދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމެއްކަމަށްވީ ހިނގު، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ރާއްޖޭގައި އެފަދަ ފްލައިން ސްކޫލެއް ހިިންގޭނެ މަގު ވީ އެންމެ އަވަހަށް ފަހިކުރުމަށްވެސް ހުށަހަޅާފައެވެ.