Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ޕީޕީއެމް މީހެއްގެ ކެންޑިޑެސީ އަނބުރާ ދިނުމަށް އަމުރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަ ކުރަން ޕީޕީއެމް މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އީސީން ވަނީ ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރަން ނިންމި ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލުކޮށްފައެވެ. އެގޮތުން ކެންޑިޑެންސީ ބާތިލުކުރީ އޭނާ އަކީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތު ފުރިހަމަވެފައިވާ މީހެއް ނޫންކަމަށް ބުނެއެވެ.

މިމައްސަލަ އާއި ގުޅިގެން ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ ކަމަށާއި ނަމަވެސް އޭނާގެ ކެންޑިޑެންސީ ބާތިލުކޮށްފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށެވެ.

އެހެންކަމުން އޭނާގެ ކެންޑިޑެސީ ބާތިލުވިކަމަށް އީސީން އެންގި އެންގުމަކީ ބާތިލު އެންގުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.