ވެކްސިން ޖެހުމަށް ބޭނުންވާ އެއްލައްކަ ސިރިންޖު މިއަދު ރާއްޖެ ގެންނާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން ބުނީ މިއަދު ރާއްޖެ ގެންނަ އެއްލައްކަ ސިރިންޖު ލިބިފައިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށެވެ.
ރާއްޖެއިން އިއްޔެގެ ނިޔަލަށް 80،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.
މީގެއިތުރުން އިންޑިއާ އިން ދާދިފަހުން ވެސް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒު ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު ޗައިނާ ސަރުކާރުން ވެސް ވަނީ 100،000 ޑޯޒުގެ ވެކްސިން ރާއްޖެ އަށް ހަދިޔާކުރުމަށް ނިންމާފައެވެ.