ކޮވިޑް-19 ގެ މި ހާލަތުގައި ޖަމާޢަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން މުހިއްމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވެފައިމިވަނީ ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވެފައިވާ މި ދަނޑިވަޅުގައި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމުގެ ބަހުސް ސޯޝަލް މީޑިއާގައި ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުމާއި ރާއްޖޭގެ ބައެއް އިލްމުވެރިން އަންނަނީ ދެކޮޅު ހަދަމުންނެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާގެ ފުރާނަ އާއި ނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމް ކުރާ ކަމަކަށްވާތީ ކޯވިޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ޞިއްޙީ މާހިރުން ލަފާދޭ ކަންތައްތައް ކުރުން ލާޒިމު ކަމަށެވެ.
"ވީމާ މިވަގުތު ޖަމާޢަތުގައި ނަމާދު ކުރާއިރު ގައިދުރުކަން މުހިންމު" މައުމޫން ވިދާޅުވިއެވެ.
ތިމާގެފުރާނައާއިނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާމުސްލިމުންގެމައްޗަށް ލާޒިމްކުރާކަމަކަށްވާތީ ކޯވިޑްބަލިން ރައްކާތެރިވުމަށްއަޅަންޖެހޭކަމަށްޞިއްޙީމާހިރުންލަފާދޭކަންތައްތައްކުރުން ލާޒިމް. ވީމާ މިވަގުތު ޖަމާޢަތުގައިނަމާދުކުރާއިރު ގައިދުރުކުންމުހިންމު @MVIaffairs
— Maumoon Abdul Gayoom (@maumoonagayoom) February 23, 2021
މައުމޫން މިހެން ވިދާޅުވިއިރު ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ. އެގޮތުން ނަމާދަށް ސަފުހަދާނީ ކޮނޑާއި ކޮނޑު، ފަޔާއި ފައި ޖެހޭނެހެން ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މިއަހަރު ފެށުނުފަހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެ ވެސް 161 މީހަކު ޕޮޒިޓިވްވިއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2000 އަށް ވުރެ މައްޗަށް އަރާފައެވެ. 162 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު 60 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.