Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

އިންޑިއާ ސިފައިންގެ ވާހަކަ އިދިކޮޅުން ދައްކަނީ ވާހަކަ ހުސްވުމުން: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް - ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސިފައިން ރާއްޖެ އަރާ ވާހަކަ އިދިކޮޅުން ދައްކަނީ، ދައްކާނެ ވާހަކައެއް ނެތުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވަނީ އައްޑޫގެ ލިންކް ރޯޑު ބަދަލުކުރުމުގެ މަޝްރޫ އާއި އަދި އިންޑިއާގެ އެހީގައި އަޅަމުންދާ ޕޮލިސް އެކެޑެމީ އާއި ގުޅުވައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ އެކި ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ފައްޔާޒު ވިދާޅުވީ ދިވެހިންނަކީ ކޮންމެ އެއްޗަކުން ވެސް އާ އެއްޗެއް އުފައްދަން ދަންނަ ބައެއް ކަމަށާއި ލިންކްރޯޑު ބަދަލުކޮށްދިނުމަށް އެދި އޭނާ ގާތުގައި ދެންނެވީ އައްޑޫގައި އެމްޑީޕީގައި އިސްކޮށް އުޅުއްވާ ޓީމުގެ ބޭފުޅުން ކަމަށެވެ. އަދި އެ ހިޔާލު ސަރުކާރަށް ހުށަހެޅުއްވީ ސީދާ އޭނާ ކަމަށާއި އެގޮތުން ޕްލޭނިން މިނިސްޓްރީން މިހާރު އެގޮތަށް އެކަން ކުރައްވަމުން ގެންދަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި ލިންކް ރޯޑު ބަދަލުކުރުމުގެ މަޝްރޫއު އާއި ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދައްކާ އަޑު އިވުނީ އަލަށް ކަމަށާއި މި މަޝްރޫއުގެ މިސްރާބު މުޅިން އެހެން ދިމާލަކަށް ބައްޓަންކޮށްލުމުން "ސަޕްރައިޒް" ވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"ދެން ކޮންމެވެސް ވާހަކައެއް ދައްކަންޖެހޭނެ. ދައްކާނެ އެހެން ހަމަ އެއްވެސް ވާހަކައެއް ނެތް. އިންޑިއާއޭ، އިންޑިއާ ސިފައިން މިތަނަށް އަރަނީއޭ، އެކަހަލަ ކޮންމެވެސް ވާހަކައެއް ނޫން ދެން ކޮން ވާހަކައެއްތޯ ދައްކަން އޮތީ؟" ފައްޔާޒު ވިދާޅުވިއެވެ.

އައްޑޫގެ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމަށް ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ބުނީ މި މަސައްކަތަކަށް ޖުމްލަ 1.19 ބިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށެވެ. މި ބިޔަ ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާއާއެވެ.