އައްޑޫ ސިޓީގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް މާދަމާ ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ ވެކްސިން ޖެހުން ކުރިއަށްދާނީ މާދަމާ ހެނދުނު 10 އިން ހަވީރު 3 ޖެހުމާއި ހަމައަށް ކަމަށެވެ.
އެގޮތުން ހިތަދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ޝަރަފުއްދީން ސްކޫލާއި ނޫރާނީ ސްކޫލްގައި ކަމަށްވާއިރު މަރަދޫ، މަރަދޫފޭދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ އިރުޝާދިއްޔާ ސްކޫލްގައެވެ. އަދި ފޭދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ފޭދޫ ސްކޫލްގައި ކަމަށްވާއިރު ހުޅުމީދޫގައި ވެކްސިން ޖެހުން ކުރިއަށްދާނީ ސ.އަތޮޅު މަދުރަސާގައެވެ.
ވެެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:
– އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
– ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
– ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
– ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
– ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
– ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންޑިއާ އިން ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިން އައްޑޫގައި ވެސް ޖަހަން ފަށާފައިވާއިރު މިހާތަނަށް އައްޑޫގެ 4000 އަށް ވުރެ ގިނަ މީހުންނަށް މި ވެކްސިން ވަނީ ދީފައެވެ.